މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަގްސާގެ އިމުގެ ތެރެއަށް އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން ގަވިއާ ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި އަމަލަކީ ބައިނަލްއަގްވާމީ ގާނޫނާއި، އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީހީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިޒްރޭލުން ކުރަމުންގެންދާ ނޭދެވޭ އަމަލެކެވެ.

އިޒްރޭލުން ކުރަމުން ގެންދާ ޣައިރު ގާނޫނީ އަމަލުތަކާއި، އިސްލާމީ މުގައްދަސު ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލަށް މަޖުބޫރު ކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލް އަގްވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއް ޖޭން އަބަދުވެސް ތާއީދު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ޔަހޫދީންގެ ހަރުކަށި ވަޒީރު ބެން ގަވިއާ އަކީ ފަލަސްތީން ނެތިކޮށްލަން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ، އެ ކަމަށް އެންމެ އަޑުހަރުކޮށް ބާރު އަޅަމުންދާ ޔަހޫދީ ވަޒީރެކެވެ. މަސްޖިދުލްއަގްސާގެ ގޯތިތެރެއަށް ވަނުމުގެ ހުއްދަ ޔަހޫދީންނަށް ލިބިފައި ވިޔަސް، އެތަނުގައި އަޅުކަން ކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ގާތްގަނޑަކަށް ހާހެއްހާ ޔަހޫދީންގެ ބައިގަނޑަކާއެކު، ގަވީރް ވެސް އެ މިސްކިތަށް ވަދެ، އަޑުގަދަކޮށް، ނަށައި، އަޅުކަންކޮށްފައި ވެއެވެ. އެ މަންޒަރުތައް ފެންނަ ދެ ވީޑިޔޯއެއް ވެސް ވަނީ ސޯޝަލް މީޑިޔާގައި އާންމުވެފައެވެ.