ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަސްބާހު އަލީ ނަސީރު އައްޔަންކޮށްފި އެވެ.
އަސްބާހު އެ މަގާމަށް އައްޔަންކޮށްފައި ވަނީ އެޗްޑީސީގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ފަޔާޒް މަންސޫރު ޖުލައި 31 ގައި އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެ މަގާމަށް އައްޔަންކުރި ފަޔާޒް އިސްތިއުފާ ދެއްވި އިރު އޭގެ އެއް ދުވަސް ކުރިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މައުރޫފް ޖަމީލް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
އެއާއެކު އެޗުޑީސީއިން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި އަސްބާހުއަށް ވަނީ މަރުހަބާ ދަންނަވާ ޕޯސްޓެއް ކޮށްފައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަންކުރީ ކުރިން އެމަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން މިދިޔަ ޑިސެމްބަރު 21 ވަނަ ދުވަހު ފަޒުލް އިސްތިއުފާ ދެއްވުމާ އެކުއެވެ.
މައުރޫފް އިސްތިއުފާ ދެއްވުމުން އެމްޑީގެ މަގާމަށް އައްޔަންކުރީ އާރުޑީސީގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި އަލީ ޒުހައިރު އެވެ.