ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ޝަހީދު އަދި އަބްދުﷲ ޖަމީލު މޫސާ އައްޔަނުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ހައިކޯޓުގެ 2 ފަނޑިޔާރުންގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ގުޅިގެންނެވެ. އެއީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ ފުރުސަތުގައި އެ މަގާމަށް ކުރިމަތިލި ފަރާތްތައް އިންޓަވިއުކުރުމަށްފަހު، 2 ބޭފުޅަކު އެ މަގާމަށް އައްޔަންކުރުމަށް ރޭ ބޭއްވި ޖޭއެސްސީގެ 27 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
އެއީ ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ އަދި ޏ. ފުވައްމުލައް ދޫޑިގަން، މުހައްމަދު ޝަހީދެވެ.
ޖަމީލް ވަނީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލްކުރައްވާފައިވެއެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ޖަމީލް ވަނީ ސިވިލް ކޯޓުގެ ގާޒީގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލްކުރައްވާފައެވެ. 5 އަހަރު ވަންދެން ހަނީވެލް ޓްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޝަހީދު އެންމެ ފަހުން ހުންނެވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައެވެ.