މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން މިއަދު އާންމު ކުރި މާލީ ރިޕޯޓުން ދައްކައިފިއެވެ.

މަލީ ހިސާބުތައް އާންމުކޮށް އެސްޓީއޯ އިން ބުނެފައި ވަނީ، އެ ކުންފުންނަށް ދެވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނިގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މީގެ ކުރީ ކުއާޓާރާ އަޅާ ބަލާ އިރު 12 ޕަސެންޓްގެ ދަށްވުމެއްް ކަަމަށެވެ. ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި އަދި މި ކުއާޓަރުގައި ތެލުގެ ޑިމާންޑް ދަށްވުން ކަމަށް އެސްތީއޯ އިން ބުނެއެވެ.

ޖުމްލަ އާމްދަނީ ދަށްވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 574 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލައި 2 ޕަސެންޓްގެ ދަށްވުމެކެވެ. އެހެން ނަމަވެސް ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ އިތުރުވެފެއެވެ.

ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއި ނިސްބަތުން ހިންގުމުގެ ހަރަދު އިތުރުވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 236 މިލިއަން ރުފިޔާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލައި 11 ޕަސެންޓްގެ ދަށްވުމެކެވެ. ހިންގުމުގެ ފައިދާ ދަށްވިކަމުގައިވީ ނަމަވެސް ދެވަނަ ކުއާޓަރުގައި އިންވެސްޓްމަންޓް އިންކަމް އިތުރުވުމާއެކު ނެޓް ފައިނޭންސް ކުޑަކުރެވި ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި ވަނީ 198 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 163 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ އޭގެ ކުރީ ކުއާޓާ އާ އަޅާ ބަލައި 3 ޕަސެންޓްގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ އާ އަޅާ ބަލާ އިރު ސާފު ފައިދާ 15 މިލިއަން އިން އިތުރުވެ، 10 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.