ލ. މާވަށުގައި އިއްޔެ މަރާލާފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑު ތަހުލީލުތައް ހެދުމަށްޓަކައި މާލެ ގެނެސްފިއެވެ.
މި މަރާއި ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ މާވަށުގައި ހިންގި މާރާމާރީގައި މަރާލި މީހާގެ ހަށިގަނޑު ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ރޭ މާލެ ގެނެސްފައިވާ ކަމަށެވެ.
އިއްޔެ ހެނދުނު 10:12 ހާއިރު އެ ރަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްއެވެ. ދެމީހެއްގެ ދޭތެރޭ ހިނގި މާރާމާރީއެއްގައި މޫސައަށް ހަމަލާދީ މަރާލި މައްސަލައިގައި އެ ރަށަށް ގޮސް އުޅޭ އެހެން ރަށެއްގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ)ކަމަށެވެ.
މި މާރާމާރީ ހިންގުމަށް ބޭނުންކުރި ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ހޯދާފައިވާކަަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މާރާމާރީ ހިނގުމަށް މެދުވެރި ސީދާ ސަބަބު އަދި ފުލުހުން ހާމަކޮށްފައި ނުވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.