ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ފުލޯ އަށް ގެނައި ބަދަލުތަކާއެކު ދަތުރުކުރާ ޓެކްސީތައް މަޑު ކުރަންޖެހޭ ކިއު ދިގުވެ، އާންމުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރީތައް ވުމަށްޓަކައި ވީއައިއޭގެ ކާރު ކިއު އަށާއި ޑޮމެސްޓިކް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރަންޖެހޭ ތަނަށް ބަދަލު ގެނެސްފައި ވަނީ މި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެންނެވެ.
އެމްއޭސީއެލްއިން ގެނައި މި ބަދަލު ތަކާއެކު ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ކާރުތަކަށް މަޑެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިން ދާ ކާރުތައް މަޑުކުރަން ޖެހެނީ އިންޓަނޭޝަނަލް ޓާމިނަލަށް ދާ ކާރުތައް މަޑުކުރަން ހާއްސަކޮށްފައިވާ ސަރަހައްދުގައެވެ. އަދި ހަމަ އެހެންމެ ހުޅުލޭގައި އޮންނަ ކާރު ކިއުވެސް، ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ހުންނަ ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ވަނީ ބަދަލުކޮށްފައެވެ.
އެއާއެކު މާލެއިން އެއާޕޯޓުގެ ޗެކިން އާ ހަމައަށް ފޯރުމަށް ޓެކްސީގައި ހޭދަ ކުރަން ޖެހޭ ވަގުތު އިތުރު ވުމުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޓްރެފިކް ފްލޯއަށް މި ގެނައި ބަދަލާއެކު އެތައް ބައެއްގެ ފްލައިޓް މިސްވެ ޓެކްސީތަކަށް ވެސް ގެއްލުން ވަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެގޮތުން ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކިއުގައި މަޑު ކުރުމަށްފަހު އެއާޕޯޓުގެ ޑްރޮޕް އޮފް އާއި ހަމައަށް ދިއުމަށް 45 ވަރަކަށް މިނަޓު ހޭދަވި ކަމަށެވެ. އަދި މިއީ އެއާޕޯޓެއްގައި އިންތިޒާމުތައް ހަމަޖައްސާފައި ހުންނަންޖެހޭ އެންމެ ރަނގަޅު ގޮތްތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
މީގެ އިތުރުން ވެސް ޓެކްސީ ކިއުގައި މަޑު ކުރަން ޖެހުމުގެ ސަބަބުން ބައެއް ޓެކްސީ ޑްރައިވަރުން ދަތުރަކަށް 300 ރުފިޔާ ނަގަން ބުނާ މައްސަލައެއް ވެސް ސޯޝަލް މީޑިއާގައި މިއަދު ވަނީ ފެންމަތިވެފައެވެ. އަދި މިފަދައިން ޓެކްސީ ޑްރައިވަރުން އަމަލު ކުރަމުންދަނި ކުރިއަށް އޮތް ދެ ދުވަހަކީ ވެސް ޓްރެފިކް ފްލޯއަށް މި ބަދަލު ގެނެސްފައިވާ ދެ ދުވަހަށް ވުމުގެ އިތުރުން ގިނަ ވަގުތު ކިއުގައި މަޑު ކުރަންޖެހޭ ކަމަށް ބުނެއެއެވެ.
މި ދުވަސްވަރަކީ ސްކޫލުގެ ޓާމު ޗުއްޓީ ދުވަސްވަރުވުމުން ރާއްޖެއިން ބޭރަށާއި އަތޮޅު ތެރޭގެ އެކި ރަށްރަށް ފުރުމަށް ގިނަ ބަޔަކު އެއާޕޯޓަށް ދާ ދަނޑިވަޅެއްކަން ފާހަގަކޮށްލެވޭއިރު މިފަދަ ދަނޑިވަޅެއްގައި ފުރަން ދާ މީހުންނަށް އުނދަގޫވާނެ ހެން ކިއުގައި ބަޑު ކުރަންޖެހޭ ވަގުތު ދިގު ލައިގެން ދިއުމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އެކި ބޭނުންތަކަށް އެއާޕޯޓަށް ދާ މީހުންގެ ވެހިކަލްތަކުގެ ޕާކިން ސަރަހައްދު ވެސް ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ބަންދުކޮށްފައެވެ. އެގޮތުން އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ޕާކިން ޒޯނާއި ހުޅަނގު ފަރާތު ޕާކިން ޒޯނު ވެސް ބަންދުކޮށްފައިވާއިރު އަމިއްލަ ވެހިކަލެއްގައި އެއާޕޯޓަށް ދިއުމަށްފަހު ޕާކް ނުކުރެވެއެވެ.
ހަމައެކަނި ހުއްދަ ދީފައިވަނީ ސައިކަލާއި ޓެކްސީ އަދި ޕްރައިވެޓް ކާރުތަކަށްވެސް ޑްރޮޕް އޮފް ކުރުމަށްފަހު އަނބުރާ ދިއުމަށެވެ. އާންމުންގެ މި ޝަކުވާ ތަކާއެކު ކަމާ ބެހޭ ފަރާތްތަކުން އެދިފައި ވަނީ، ފުރަންދާ ފަރާތްތަކުން ދުރާލާ އަވަހަށް އެއާޕޯޓަށް ދިއުމަށެވެ.