ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 117 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި މާފަންނު މާފުށީގެ ނިއުމާތު ޝަފީގުގެ މަގާމުގެ މުއްދަތު ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިތުރު ކުރައްވައިފިއެވެ.

އެ މަގާމަށް ނިއުމާތު ޝަފީގު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ޖުލައި 23، 2020 ގައެވެ. 5 އަހަރުގެ ދައުރަކަށް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާ އިރު ނިްުމާތުގެ މަގާމުގެ މުއްދަތު، މި މަހުގެ 23 ވަނަ ދުވަހު ހަމަވާތީ، 5 އަހަރުގެ ދައުރެއް އިތުރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ރިޕޯޓް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ނިއުމާތުގެ މަގާމުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓު ދެއްވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

ނިއުމާތު ޝަފީގަކީ އިންޓަނޭޝަނަލް މާސްޓާސް އިން އާލީ ޗައިލްޑްހުޑް ހާސިލުކުރައްވައި، އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލެންޑުން ބެޗެލާ އޮފް އާލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ މިނިވަން، މުސްތަގިއްލު އިދާރާއެކެވެ.