ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް އެދުނު ފަރާތްތަކުގެ ތެރެއިން ލޯނު ލިބިނު ދަރިވަރުންގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.
ސަރުކާރުން ދޭ ލޯނަށް އެދި ހުށަހަޅަން 500 ފުރުސަތު ހުޅުވާލީ މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން (ޓޮޕްއަޕް ލޯން)ގެ ފުރުސަތަށް ހުޅުވާލުމުން 1،338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. އޭގެތެރެއިން ޝަރުތު ހަމަވެފައި ވަނީ 806 ދަރިވަރުންނެވެ.
ލޯނަށް ކުރިމަތިލި ދަރިވަރުންގެ ވަގުތީީ ލިސްޓު މިއަދު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، ނަތީޖާއާއި ގުޅޭ އިތުރު ޝަކުވާއެއް އޮވެއްޖެނަމަ އަންނަ އޮގަސްޓު މަހުގެ 3 ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އަދި ހަމަ އެހެންމެ ލޯނު ނުލިބުނު ދަރިވަރެއްނަމަ ސަބަބާއި އެއްކޮށް އެ މައުލޫމާތު ވެބްސައިޓުން އެނގެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ވަނީ ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމާފައެވެ. މިދިޔަ އަހަރު ވެސް 500 ޖާގައަށް ހުޅުވާލިއިރު، ޝަރުތު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދޫކޮށްފައިވެ އެވެ. ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސްޓޫޑެންޓް ލޯނު އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މިހާރު ނަގަމުންދާ އެއް ޕަސެންޓު ނުނަގަން ނިންމަވާފައެވެ.