ރާއްޖޭގެ ބައިނަލްއަގުވާމީ ފުރަތަމަ ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރު އަތުން އަތުލުމާއި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދަވަން ކުރީގެ ރައީސް ޑރ، މުހައްމަދު ވަހީދު ހަސަން މަނިކު ކަންކުރެއްވި ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެއެވެ.

ޔާމީން ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންއެފް ޕާޓީން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވީ، 2012 ގައި ޖީއެމްއާރު އެއާޕޯޓު އަތުލި އިރު އެ މަސައްކަތް ކުރުމުގައި އޭރުގެ ރައީސް ޑރ. ވަހީދުގެ ދައުރަކީ، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވުން ކަމަށެވެ.

ބަދަލު ދީ ޖީއެމްއާރު އެއާޕޯޓު އަތުލައި އެމީހުން ރާއްޖެއިން ފޮނުވާލުމުގައި ވަހީދުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެ ޔާމީން ވަނީ އެކަމުގައި ކަންހިނގާ ދިޔަގޮތް ރޭ ސާފުކޮށް ވިދާޅުވެދެއްވާފައެވެ.

ޔާމީން ވިދާޅުވީ، ޖީއެމްއާރަށް އެއާޕޯޓު ދިން އެމްޑީޕީގެ ވެރިކަމުގެ މެދަކާ ހަމައިން އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމުން ވެރިކަމާ ހަވާލުވެވަޑައިގަތީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ވަހީދު ކަމަށެވެ.

ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީމައި، ޖީއެމްއާރު ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ތާރީހަކާއި ނިންމާނެ ތާރީހެއް ހޯއްދަވަން އިދިކޮޅު ޕީޕީއެމްގެ ފަރާތުން 2 ފަހަރަށް ސިޓީ ފޮނުއްވި ކަމަށާއި، އެ ސިޓީގެ ޖަވާބެއް އޭރު ނުލިބޭ ކަމަށެވެ.

ޖޫން 28، 2010 ގައި ޖީއެމްއާރަށް އެއާޕޯޓު ދިނުމުން ދައުލަތަށް އަހަރަކު ލިބެމުން ދިޔައީ 15 މިލިއަން ރުފިޔާ ކަމަށާއި އޭގެ ކުރިން އެއާޕޯޓަކީ އަހަރަކު 300 މިލިއަން ރުފިޔާގެ ފައިދާ ނެރެމުން ދިޔަ ތަނެއްކަން މީގެ ކުރިން ފާހަގަ ކުރައްވާފައި ވާއިރު ޔާމީން ރޭ ވިދާޅުވީ، އެ ކަންކަމާ ހުރެ ޖީއެމްއާރު ފޮނުވާލަން އަޑުއުފުއްލެވީ އެމަނިކުފާނާއި އޭރުގެ ގައުމީ ޕާޓީން ޑރ. ހަސަން ސައީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކަމަށެވެ.

"އޭރަކު ރައީސް ވަހީދު އެކަމުގައި ބައިވެރިވެވަޑައެއް ނުގަންނަވާ. ފަހަރެއްގައި ވެދާނެ ރައީސް ނަޝީދުގެ ނައިބު ރައީސް އަށް ވީމާ ބައިވެރިވެވަޑައި ނުގަންނަވަނީ ކަމަށް. އެކަމަކު އޭގެ ފަހުން ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންފައި ވެސް މިކަމަކާ ނޫޅުއްވާ. މިކަމަކާ ނޫޅުއްވާ." ޔާމީން ވިދާޅުވިއެވެ.

ޕީއެންއެފް ގެ ބއްދަލުވުމެއްގައި ޔާމީން ވާހަކަ ދައްކަވަނީ ---

އިތުރަށް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ފަރާތުން އޭރު ޑރ. ވަހީދަށް ފޮނުވި ސިޓީތަކާ ގުޅިގެން ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގައި ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެ ބައްދަލުވުމަށް، ގާސިމާއި، ތަސްމީން އަދި ހަސަން ސައީދާއި އެމަނިކުފާނު (ޔާމީން) ވެސް ވަޑައިގެންނެވި ކަމަށާއި، އޭރު ރައީސް ވަހީދުގެ އަރިސް ބައެއް ބޭފުޅުން ކަމަށް ވާ ކާނަލް މުހައްމަދު ނާޒިމާއި ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރާއި ބަންދު ސަލީމް ފަދަ ބޭފުޅުން ތިއްބެވި ކަމަށެވެ.

"އެ ބޭފުޅުން ތިއްބެވީ ލެޕްޓޮޕްޓައް ހިފައިގެން ޕްރެޒެންޓޭޝަނެއް ދެއްވަން ތައްޔާރުވެގެން. އަޅުގަނޑު ދެންނެވިން ނޫނެކޭ ރައީސްއޭ. އަޅުގަނޑުމެން މިތަނަށް މިއައީ އަޅުގަނޑުމެން ފޮނުވި ސިޓީއާ ގުޅިގެން ޖަވާބަކަށް އިންތިޒާރުގައޭ. ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން މަސައްކަތް ފައްޓަވާނެ ދުވަހެއްގެ އިންތިޒާރޭ، ދެން އެ ޕްރޮސިޖާ ދާނެ ގޮތެކޭ، އަތުލާނެ ދުވަހެކޭ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ހަސަން ސައީދު ފިޔަވައި ހުރިހާ ބޭފުޅުންވެސް ތިއްބެވީ، ޖީއެމްއާރުގެ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސްގެން ޖީއެމްއާރާއެކު ކުރިއަށް ދާން ކަމަށެވެ.

"ވަހީދު ބޭނުންފުޅުވީ، ވޯކަބަލް އެއްޗަކަށް [އެއްބަސްވުން] ހަދައިގެން ޖީއެމްއާރު އަތުގައި އެއާޕޯޓު ބާއްވައިގެން ކުރިއަށް ވަޑައިގަންނަވަން، ގާސިމްވެސް ތާއީދު ކުރެއްވީ ރައީސަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރިއަށް ދާން. ތަސްމީން ވިދާޅުވީ، އެއާޕޯޓު އަތުލައިފިއްޔާ ފޮރިން އިންވެސްޓަރުން ނާންނާނެޔޭ"
އަބްދުﷲ ޔާމީން

އިތުރަށް ވިދާޅުވީ، އެ ބައްދަލުވުމަށް އިމްރާން ވަޑައިގަތީ ބައްދަލުވުން ނިމުނުތާ 15 މިނެޓް ފަހުން ކަމަށެވެ.

އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލު ދެއްވަމުން ޔާމީން ވިދާޅުވީ، އެ ތަނުގައި ޔާމީނަށް ތާއީދު ކުރެއްވީ ހަސަން ސައީދު އެކަނި ކަމަށާއި އޭނާ ހުންނެވީ ޔާމީނަށް ގަދަކޮށް ތާއީދު ކުރައްވައިގެން ކަމަށެވެ.

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަށް އެހާހިސާބުން ބާރަށް މަސައްކަތް ފެށިގެން ދިޔަކަން ހާމަ ކުރައްވައި ޔާމީން ވިދާޅުވީ، އެކަމަށް ރައީސް ވަހީދުވެސް ދެން ތާއީދު ކުރެއްވި ކަމަށެވެ. ނަމަވެސް ޖީއެމްއާރު ފޮނުވާލައި ބަދަލު ދިނުމުގެ މަރުހަލާގެ ހުރިހާ ކަމެއް ދެން ހިނގާ ދިޔައީ އޭގެ ފަހުން އައި ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށާއި އެކަމުގައި ރައީސް ވަހީދުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

މިވާހަކައިގެ އިތުރުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް، ވަހީދަށް ނުލިބުނު ހާލަތާ ގުޅޭ ގޮތުންވެސް ޔާމީން ވަނީ ރޭ ވާހަކަ ދައްކަވާފައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި އައި އެމްޑީޕީގެ ސަރުކާރުގައި އެމަނިކުފާނު ޖަލަށް ލުމާއެކު އޭރު އެމަނިކުފާނު ހުންނެވި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ބޭނުންވި ގިނަ ބޭފުޅުންގެ ތެރޭގައި ޑރ. ވަހީދު ހިމެނެއެވެ.

ވަހީދު، ޕީޕީއެމް އާ ގުޅިވަޑައިގެން އާންމު މެންބަރުންނާ މުހާތަބު ކުރައްވާ އިރު އިސް ލިޑަޝިޕް ފަހަތުގައި --- ފައިލް

ޔާމީން ޖަލުގައި އޮންނެވި އިރު ރިޔާސީ އިންތިހާބަށް ކުޑަތަން ވަމުން އައުމާއެކު ޕީޕީއެމްގެ ޓިކެޓް ހޯދުމަށް އެކިއެކި ބޭފުޅުން މަސައްކަތް ކުރެއްވި އިރު އެކަމުގައި ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ޔާމީން ދެކެވަޑައިގަންނަވާ ގޮތް ހޯދުމަކީ އެއިން ކޮންމެ ބޭފުޅަކަށް ވެސް މުހިންމު ކަމަށް ވިއެވެ.

ޖަލުގެ ގައިދީންގެ ގާތަށް ޒިޔާރަތް ކުރެވޭ މީހުންގެ ތެރޭގައި އެމީހެއްގެ ގާނޫނީ ވަކީލު ހިމެނޭ އިރު، ޕާޓީއާ ގުޅިގެން ހުރި މުހިންމު ކަންކަން ނިންމެވުމުގައި ޔާމީން ބޭނުން ކުރައްވަމުން ގެންދެވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ޔާމީންގެ ވެރިކަމުގައި ނައިބުރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ޔާމީން ވިދާޅުވީ، ޖަމީލު މެދުވެރިކޮށް ޕާޓީގެ ލީޑަޝިޕަށް ފޮނުއްވި ނޯޓުގައި، އެބޭފުޅުންގެ މަޝްވަރާއިން ގޮތެއް ނިންމުމަށް ދެއްނެވި ކަމަށެވެ. އަދި އެގޮތަށް އެކަން ނުވުމުން ޕީޕީއެމްގެ ހިޔަނި ޕާޓީ، ޕީއެންސީ އަށް ބަދަލުވެ އެ ޕާޓީގެ ފަރާތުން ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ މެންބަރުންނަށް ދިނުމަށް އެދިވަޑައިގެން ކަމަށް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިނަށް 19 އޮގަސްޓް 2023 ގައި ށ. ގޮއިދުއަށް ވަޑައިގެން ހުންނަވާ ވަހީދު ވިދާޅުވެފައި ވަނީ، "ޕީޕީއެމްގެ ކެންޑިޑޭޓަކު ހުންނެވި ކަމަށް ބައެއް މީހުން ބުނި ނަމަވެސް ޕީޕީއެމްގެ އަސްލު ކެންޑިޑޭޓަކު ނެތް ކަމަށާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަކީ އެމްޑީޕީގެ އެޖެންޓެއް" ކަމަށެވެ. ޕީއެންސީގެ ޓިކެޓް އޭރު ކަށަވަރު ކުރައްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރައްދު ކުރައްވައި ވަހީދު ވިދާޅުވީ، "ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަދަކު ނެތޭ. މިއަދު ހުރީ ކުޑަކުޑަ ޕާޓީއަކުން ނުކުމެ ހުރި، އެމްޑީޕީ މީހުން ބުނާ ގޮތުން ވިއްޔާ، އެ ބޭފުޅުންގެ އެޖެންޓެއް. [އެމްޑީޕީ] މީހުން ފައިސާ ދީގެން [ސެނެޓުގެ] 25 ވޯޓު ގަތް ބޭފުޅެއް،" އެވެ.

އަދިރައީސް އަބްދުﷲ ޔާމީންއަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގަތުމަށް އުންމީދު ކުރެއްވި ކަމަށާއި، ޔާމީންގެ އަރިހުގައި ޕީޕީއެމްގައި 10 އަހަރު ހުންނެވި އިރު، ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމުން އެ މަނިކުފާނަށް ފުރުސަތު ދެއްވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށް ވިދާޅުވިއެވެ.

މިއަދު ޑރ. ވަހީދު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރުގެ މަގާމުގައެވެ.