އެކްސިޑެންޓްތަކުގައި މީހަކު މަރުނުވިޔަސް، ޖިނާއީ ދައުވާ ކުރެވޭނެ ގޮތް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ގާނޫނުލ އުގޫބާތަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.
މިހާރު ގާނޫނު އޮންނަގޮތުން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވައިގެން ހިނގާ އެކްސިޑެންޓްތަކުގައި މީހަކު މަރުނުވާނަމަ ޖިނާއީ ދައުވާ ކުރެވޭނެކަމަށް ސާފުކޮށް ބަޔާންކޮށްފައިނުވާ ކަމަށް މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ. މީކާއީލް ވިދާޅުވީ މި އިސްލާހުގެ ސަބަބުން، މަގުމަތީގެ ގަވައިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތްގޮތަށް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގެ ޝިކާރައަށްވާ މީހުންނަށް އިންސާފު ލިބޭނެ މަގުފަހިވާނެ ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ 121 ވަނަ މާއްދާގައި މީހަކު މަރުވެދާނެ ނުވަތަ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމާމެދު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި މަގުމަތީގެ ގަވައިދުތަކާ ހިލާފަށް، އަދި މަގުމަތި ބޭނުން ކުރާ ބައެއް ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއްނެތް ގޮތަށް، އިންޖީނުލީ އެެއްގަމު އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކެއް ނުހިމެނެއެވެ.
ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލައިގައި އިރު ޕްރޮސެކިއުޓާ ޖެނެރަލް އަދި ފުލުހުންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރަން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.