މަތީ ފަންތީގެ ބައްދަލުވުންތަކަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތައް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ މަތީ ފަންތީގެ ބައްދަލުވުންތަކާއި، ހަރަކާތްތަކުގެ އިތުރުން ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުވުންތަކެއްގައިވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ތައުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދު މަޝްވަރާކުރެވިގެން ދާނެކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ރައީސް ގެ މި ދަތުރުފުޅުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރު ބޮޑު ވެގެންދާނެ ކަމަށެވެ. ރައީސްގެ މި ދަތުރުފުޅުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދިޔަ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށްވެސް ރައީސް ވަނީ މި އަހަރު އިނގިރޭސިވިލާތައް ވަޑައިގެންފައެވެ.