ރާއްޖޭގެ އިގްތިސޯދު މަޑުމަޑުން ހަމައަކަށް އެޅި އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވަމުން އަންނާތީ ރާއްޖޭގެ ސުކޫކުގެ އަގު މި މަހު 87.44 ޑޮލަރަށް އުފުލިއްޖެއެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހުރީ 64.72 ޑޮލަރުގައެވެ. ނަމަވެސް މި މަހުގެ 8 ވަނަ ދުވަހު ރާއްޖޭގެ ސުކޫކުގެ އަގު ވަނީ 87.44 ޑޮލަަރަށް އުފުލިފައިވާ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކުރީގެ ސަރުކާރުން 500 މިލިޔަން ޑޮލަރު (7.7 ބިލިޔަން ރުފިޔާ) ގެ ސުކޫކެއް ވިއްކާފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕޭމަންޓަކަށް ބަހާލައިގެން ފަހަރަކު 25 މިލިޔަން ޑޮލަރުގެ މަގުން ޖުމްލަ 50 މިލިޔަން ޑޮލަރު ދައްކަންޖެހެއެވެ.

މި ސަރުކާރުން އެ ކޫޕަން ޕޭމަންޓުތައް ކަނޑައެޅިފައިވާ ތާރީހަށް ދައްކަމުން އަންނައިރު، އެންމެ ފަހުން ކޫޕަން ޕޭމަންޓެއް ދައްކާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. މި އަހަރުގެ ދެވަނަ ޕޭމަންޓުގެ ގޮތުގައި 25 މިލިޔަން ޑޮލަރު ދައްކަން ޖެހޭނީ އަންނަ އޮކްޓޯބަރު މަހުއެވެ

ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގުތިސޯދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން ސުކޫކު މެޗުއާވެ، ޖުމްލަ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭނީ 2026 ގައެވެ. ބޭރުން ނަގާފައިވާ އެހެން ލޯނުތަކާ އެކު، އެ އަހަރު ދައުލަތުން އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭނެއެވެ.