ބޮޑު ދަރަންޏަކާއެކު ގިނަ އަހަރުތަކެއް ފާއިތުވުމަށްފަހު ހެދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ކްރެޑިޓް ނަގަން އެއްވެސް ބަޔަކު އުޅުމަކީ އަޖައިބެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާޅުވެއްޖެއެވެ.
ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އާ ޓާމިނަލް ހަދާ ނިންމުމުގެ ކްރެޑިޓް ނަގަން އުޅޭ ސަބަބެއް ވިސްނި ވަޑައިނުގަންނަވާ ކަމަށާއި، 2 ބިލިއަން ޑޮލަރުން ރާއްޖެ ދަރާ، އަދި 15 އަހަރު ގެއްލިގެން ދިޔަ ކަމަކަށް ކްރެޑިޓް ނަގަން އުޅުމަކީ އަޖައިބެއް ކަމުގައި ވިދާޅުވެފައެވެ.
ރާއްޖޭގެ ޖުމްލަ ދަރަނި ގާތްގަނޑަކަށް 9 ބިލިއަން ޑޮލަރުގައި ހުރި ނަމަވެސް 2 ބިލިއަން ޑޮލަރު ކަމަށް ނަޝީދު ވިދާޅުވީ އެކި ޕްރޮޖެކްޓުތަކަށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ދައްކަން ޖެހޭ ފައިސާއަށް ނިސްބަތްކޮށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ވަނީ ކުއްޔަށް ދީފައެވެ. ނަމަވެސް އެއާޕޯޓު ޖީއެމްއާރަށް ދިން އެއްބަސްވުން ކުރީގެ ރައީސް ވަހީދުގެ ސަރުކާރުގަި ވަނީ ބާތިލް ކޮށްފައެވެ. އެއާޕޯޓު އެއްބަސްވުން އުވާލުމާ ގުޅިގެން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 271 މިލއިަން ޑޮލަރު ދިވެހި ސަރުކާރުން ދައްކައި ނިންމީ 2016 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުގައެވެ.
މިކަމާ ގުޅޭގޮތުން ފަތުރުވެރިކަމުގެ އިސް ބޭފުޅުން ހިމެނޭ ގްރޫޕެއްގައިވެސް ނަޝީދު ވަނީ، ޖީއެމްއާރަށް އެއާޕޯޓު ހިންގަން ދިންނަމަ މިއަދު ދެ ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏެއް ރާއްޖެއިން ދައްކަން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ޔާމީނުގެ ސަރުކާރުން ފެށި ވީއައިއޭގެ މަޝްރޫއު މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވިދާޅުވާ ގޮތުގައި މަޝްރޫއުގެ މަސައްކަތް ހަލުވި ކޮށް ނިންމާލާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބުރަ މަސައްކަތްޕުޅުންނެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ، އެ ޕްރޮޖެކްޓުގެ ބޮޑު ބައި ނިންމީ އިބޫގެ ސަރުކާރުގައި ކަމުގައި ވިދާޅުވެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ސަރުކާރުން ތައްޔާރު ވަމުން އަންނަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އާ ޓާމިނަލް ބޭނުން ކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ޒަމާނީ ވަސީލަތްތައް ޓާމިނަލުގައި ވަނީ ގާއިމްކޮށްފައެވެ. މީގެ ތެރޭގައި ސެލްފް ސާވިސް ހަ ކިއޮސްކް އާ ޓާމިނަލްގައި ގާއިމުކޮށްފައި ހުންނާނެއެވެ.
މި ކިއޮސްކް ތަކަކީ އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާއި ނުލައި ފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓް ކޮށްލެވޭ ކިއޮސްކްތަކެކެވެ. މިކަމުގެ ސަބަބުން ޗެކިން ކައުންޓަރާއި މުޅި ޗެކިން ޕްރޮސެސްގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކުރެވި، ފަސިންޖަރުންނާއި އެއާލައިންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.