ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ރާއްޖެއަށް އެތެރެ ކުރުމަށް ބޭނުންވާ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިސްލާހުކޮށް ވަނީ އާންމުކޮށްފައެވެ. މި ގަވާއިދުގެ ދަށުން ހަތަރު ފުރޮޅުލީ އުޅަނދުތައް އެތެރެ ކުރާ ނަމަ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ހުއްދަ ނަގަން ޖެހޭ ބަޔަށް އަމަލުކުރަން ފަށާ ގޮތަށް ކަނޑައަޅަފައި އޮތީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.

މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް މި މަހުގެ 13 އިން ފެށިގެން ރާއްޖެ އެތެރެ ކުރެވޭނީ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމަށްފަހު ކަމަށެވެ. އެހެންކަމުން މިފަދަ އުޅަނދުތައް އެތެރެކުރުމުގެ ހުއްދައަށް އެދި "eportal.mta.gov.mv" މި ޕޯޓަލް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.

އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އާންމު ކުރި ގަވާއިދުގައިވާ ގޮތުން އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދޭ އިރު، އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ޝޯ ރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީ އާއި އުޅަނދާ ބެހޭ އެކިއެކި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

މާލޭގައި ގިނަ އަދަދެއްގެ ހަތަރުފުރޮޅުލީ އުޅަނދު މީގެ ކުރިން އެތެރެކޮށްފައިި ވީ ނަމަވެސް، އެ އުޅަނދުތައް ބާއްވާނެ ޖާގަ މާލޭގައި ނެތުމަކީ މިހާރު ދިމާވެފައިވާ ބޮޑު އެއް މައްސަލައެވެ. 2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއް ރާއްޖެއަށް އެތެރެ ކުރާ ނަމަ، އެ އުޅަނދެއް ބޭއްވޭނެ ގަރާޖެއް އޮންނަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކުރީ އެ މައްސަލަ ހައްލު ކުރުމަށެވެ.