ރާއްޖެއާއި އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓު (އޭޑީއެފް)ގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާމެދު މަޝްވަރާތަކެއް ކޮށްފިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އޭޑީއެފްޑީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް-ސުވައިދީ އާއި މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އަދި މި ބައްދަލު ކުރެއްވުމުގައި ރާއްޖެއާ އެކު އޮންނަ ތަރައްގީގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުންވެސް މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަޝްވަރާ ކުރި ކަންކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކޮށްފައި ނުވެއެވެ.

އޭޑީއެފްޑީގެ މާލީ އެހީތެރިކަން ހޯދަން ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން ޒަމީރު ވަނީ އެ ފަންޑުގެ އިސްވެރިންނާ ހުސްވި އަހަރުގެ މެއި މަހުވެސް ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ފިނޭންސް މިނިސްޓަރު ޒަމީރާއި ރާއްޖެ ވަޑައިގެން އުޅުއްވާ އޭޑީއެފްޑީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

އަބޫ ދާބީ ފަންޑުން ދަނީ މިހާރުވެސް ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކަށް އެހީވަމުންނެވެ.

އެގޮތުން ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަޝްރޫއު ފާހަގަކޮށްލެވެއެވެ. އަދި ހަމަ އެހެންމެ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ވެސް އެ ފަންޑުން މާލީ އެހީ ދިން މަޝްރޫއުއެކެވެ. އޭގެ ކުރިން އޭޑީއެފްޑީން ވަނީ 2017ގައި ވެސް އެ މަޝްރޫއަށް 50 މިލިއަން ޑޮލަރުގެ ލުއި ލޯނެއް ވެސް ދީފައި ވެއެވެ.