ކޮރަޕްޝަން މަދު ކުރުމަށް ހުރިހާ އެސްއޯއީތަކެއްގައި ވެސް ހަރުދަނާ ޕްރޮކިއުމަންޓް އުސޫލެއް އެކުލަވާލައި އުސޫލާ އެއްގޮތަށް އަމަލު ނުކުރާނަމަ އަޅާނެ ފިޔަވަޅު ކަނޑައަޅައި އެއާ އެއްގޮތަށް އަމަލުކުރުމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައި ވަނީ، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓާއ،ި ރެކްރޫޓްމަންޓް އަދި ސީއެސްއާރްގެ ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި އެ ކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ހިރާސްތައް ދެނެގަނެ، ފާހަގަވާ ކަންކަމުގެ މައްޗަށް އިސްލާހުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންކަން އިސްލާހުކުރުމަށް އިރުޝާދާއި ލަފާ ދިނުމަށް ތައްޔާރުކޮށްފައިވާ ދިރާސާގައެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެކުލަވާލައި އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް ކަންކަން ހިންގާ ސިޔާސީ މަންފާ ހޯދުމުގެ ގޮތުން ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އަދި މެންޑޭޓުގެ ބޭރުން ގޮތްތައް ނިންމުމުގެ ފުރުސަތު އޮތުމަކީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތަކެކެވެ. އެގޮތުން ރާއްޖޭގައި ހިންގުނު ބޮޑެތި ބައެއް ހިޔާނާތްތައް ވެސް ހިންގާފައި ވަނީ ކުންފުނިތަކާއި ދައުލަތުގެ މުވައްޒަފުން ގުޅިގެން ކަމަށް އޭސީސީން ބުނެއެވެ. އެ ކޮމިޝަނުން ހިންގި ބައެއް ތަހުގީގުތަކަށް ބަލާއިރު، ކުންފުނިތަކުގެ އިންޓާނަލް އޮޑިޓިން ނިޒާމެއް ނެތުމުގެ މައްސަލަތަކާއި ކޯޕަރޭޓް ގަވަނެންސް އުސޫލަށް ތަބާނުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި ކުންފުނިތަކުގެ މާލީ ކަންކަން ހިންގާ ގޮތުގެ ސަބަބުން ދިމާވާ ގެއްލުންތަކާއި އަދި ވަކިން ހާއްސަކޮށް ޕްރޮކިއުމަންޓްގެ މައްސަލަތަކާއި ސިޔާސީ ބޭނުމަށް ވަޒީފާއަށް މީހުން ވެއްދުމުގެ ތަފާތު އެކި މައްސަލަތައް ފެނިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އެސްއޯއީތަކުން އެކި މަސައްކަތްތަކުގައި އެކި ފަރާތްތަކާއެކު އެއްބަސްވުން ހަދާ އެ އެއްބަސްވުންތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް ކަން ހިންގި ނަމަވެސް ކުންފުނިތަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅާކަމަށް އޭސީސީން ބުނެއެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައިިކުއިޑޭޓް ޑެމޭޖަސްއަށް ވާ ފައިސާ ނުކަނޑާ މައްސަލަ އާއި، މި ފަދަ މައްސަލަތައް ތަކުރާރުވާ ކަމަަށް އޭސީސީން ބުނެއެވެ. އަދި މިފަދައިން އެއްބަސްވުމާއި ހިލާފަށް އަމަލުކޮށްފައި ހުންނަ ހާލަތްތަކުގައި ލިޔެކިޔުން އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓަމުން ނުދާކަމާއި ބައެއް ހާލަތަތްކުގައި ލިޔެކިޔުންތަކަށް ވީނުވީ ނޭނގި ގެއްލުމާއި ރަސީދުތައް މަދުވެފައިވާކަމަކީ ވެސް ފާޙަގަވާ ކަންކަން ކަމަށް އޭސީސީން ބުނެއެވެ.

މި ދިރާސާއަށް އެއްކުރި މައުލޫމާތުން އެސްއޯއީތަކުން ޕްރޮކިއުމަންޓުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި މަސްލަހަތު ފުށޫ އަރާ ގޮތަށް މަސައްކަތް ކުރާ ކަން ވަނީ ފާޙަގަވެފައި ކަމަށް އޭސީސީން ބުނެއެވެ. އެގޮތުން ބިޑަށް އިއުލާނުނުކޮށް ވަކި ހާއްސަ ކުންފުންޏަކާ ނުވަތަ މީހަކާ މަސައްކަތް ހަވާލުކުރުމާއި ބިޑާ ބެހޭ މައުލޫމާތު ހިއްސާކޮށްގެން ނުވަތަ ބިޑަށް ހުށަހަޅާ ޕްރޮޕޯސަލްގެ އަސްލަށް ބަދަލުގެނެސް އޮޅުވާލުމުގެ ކަންކަން ހިންގާފައިވާ ކަމަށް އޭސީސީން ބުނެއެވެ. ހަމައެއާއެކު އިއުލާނުނުކޮށް ކޯޓޭޝަން ނުހޯދާ މުދަލާއި ތަކެތި ހޯދުމާއި "ކުއްލި ހާލަތުގައި" ޕްރޮކިއުމަންޓު މަރުހަލާއިން ނާޖައިޒު މަންފާ ހޯދުމާއި އެ ސްއޯއީތަކުން ބަލަހައްޓާ ވެންޑާ ލިސްޓަށް އެރުވުމަށް އިނާޔަތްތައް ދިނުމާއި މަސައްކަތްތަކާއި ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ދޫކުރުމުގައި އެއިން ފައިދާ އެއް ނެގުން ހިމެނެއެވެ.

އެ ދިރާސާގައި އޭސީސީން ދީފައިވާ ލަފާގެ ތެރޭގައި ހުރިހާ އެސްއޯއީތަކެއް ގައިވެސް ހަރުދަނާ ޕްރޮކިއުމަންޓް އުސޫލެއް އެކުލަވާލުމަށާއި ޕްރޮކިއުމަންޓް އުސޫލަށް އެއްވެސް ކަހަލަ ބަދަލެއް ގެނެވޭނެ ގޮތްތަކާއި ފަރާތްތައް ކަނޑައަޅައި ބަޔާންކުރުމަށާއި މަސައްކަތާ ގުޅޭ ނީޑް އެސެސްމެންޓެއް ހެދުމަށް ފަހު ގައި ނޫނީ މަސައްކަތް ނުފެށުމާއި ތަފްސީލުކޮށް ޓެކްނިކަލް ރިކުއަމެންޓް ކަނޑައެޅުން ހިމެނެއެވެ. ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއިރު ބިޑު ބަލައިގަންނާނެ އެންމެ ކުރު މުއްދަތު ބަޔާންކުރުމާއި އެސްއޯއީތަކާއި ސަޕްލަޔަރުންނާއެކު ވެވޭ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތަށް މަސައްކަތް ނުގެންދެވިދާނެ ހާލަތްތައް ބަޔާންކުރުމާއެކު އެ ހާލަތްތަކަށް ރިއާޔަތްކޮށް ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ދައްކަންވީ އަދަދު ބަޔާންކޮށް އެ އަދަދު ނެގުން ހިމެނެއެވެ.

ހަމައެއާއެކު ރިޓެންޝަންގެ ގޮތުގައި ނަގާނެ ފީގެ އަދަދު ބަޔާންކުރުމާއި ޑިފެކްޓް ލައަބިލިޓީ ޕީރިއަޑް ބަޔާންކޮށް އެ ޕީރިއަޑްގައި ސްޓެންޑަޑް ޔަގީންކުރުމަށް އެއްބަސްވެފައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު ނޫނީ ރިޓެންޝަން ފައިސާ ދޫނުކުރުމާއި މަސައްކަތް ހަވާލުކުރާ ކުންފުންޏަކީ މާލީ ގޮތުން އަދި ފަންނީ ގޮތުން ގާބިލު ބައެއްކަން ޔަގީންކުރުން ހިމެނެއެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތް ތަންފީޒުކުރަމުން ދަނީ އެއްބަސްވުމާ އެއްގޮތަށް އެ ފެންވަރަށްތޯ ޔަގީންކުރެވޭނެ ނިޒާމު ހަރުދަނާކުރުމާއި އެސްއޯއީތަކުން ކުންފުނީގެ ވެންޑާސް ލިސްޓުގައި ރަޖިސްޓަރީ ކުރުމަށް ވަކި ފަރާތަކާ ގުޅުން ހުރި ފަރާތްތަކަށް އިސްކަން ނުދެވި އޭގެ ނާޖާއިޒު ފައިދާ ނުނެގޭނެހެން އެއް ހަމައަކުން އަމަލުކުރުމަށް ވެންޑާސް ލިސްޓެއް ތައްޔާރުކުރުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލުން ހިމެނެއެވެ.

މީގެ އިތުރުން ކޮންޓްރެކްޓަރުންގެ ކޯޑް އޮފް ކޮންޑަކްޓްއާ ގުޅޭ އުސޫލެއް އެކުލަވާލައި އާންމުކުރުމާއި އެސްއޯއީތަކުން ހިދުމަތް ހޯދަނީ ރަޖިސްޓަރީ ވެފައިވާ ވެންޑަރެއްގެ ކިބައިންކަން ރަޖިސްޓަރީވެފައިވާ ވިޔަފާރީގެ ކެޓަގަރީންކަން ޔަގީންކުރުން ހިމެނެއެވެ.