ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައި ކުރި އިއުލާން ބާތިލްކޮށް، ލުއިތަކަކާއެކު އަލުން އިއުލާން ކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހުގައި ކެލާ ފަޅުގައި ދެ ރަށް ހިއްކައިގެން ރިސޯޓް ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާ އިރު، އެ އިއުލާނުގައި ބުނެފައި ވަނީ އެ ރަށުގެ ފަޅުން 156.2 ހެކްޓަރާއި 169.3 ހެކްޓަރުގެ ރަށެއް ހިއްކައި ރިސޯޓު ހަދާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެެވެ. ނަމަވެސް މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހު އެ އިއުލާން ވަނީ ބާތިލް ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތިގައި އެ އިއުލާން ބާތިލްކޮށްފައި ވަނީ މިހާތަނަށް ޓޫރިޒަމް ތަރައްގީވެފައި ނުވާ އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން އަލުން ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވާތީ ކަމަށެވެ. އެގޮތުން މިހާތަނަށް ޓޫރިޒަމް ތަރައްގީ ނުވާ އަތޮޅުތަކުގެ ތެރޭގައި ހއ، ހދ، ށ، ތ، ލ އަދި އައްޑޫގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 24 މަހުގެ މުއްދަތަކަށް ލުއިތަކެއް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

ހއ. ކެލާ ފަޅުގައި ރިސޯޓެއް ތަރައްގީކޮށް އެ ރަށުގައި ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ކެލާއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވަހަކަފުޅު ދައްކަވަމުންނެވެ. ޓޫރިޒަމް ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އިކޮނޮމިކް ކައުންސިލްގެ މަސައްކަތްތަކުގެ ތެރެއިން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި ރައިސް ވަނީ އެކަން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.