އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަކީ މިހާރު ދުނިޔޭގެ ކޮންމެ ދިމާލަކުންވެސް އަޑުއިވޭ، އަދި ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިފައިވާ މައުޟޫއެކެވެ. އޭއައި ގެ ސަބަބުން އިންސާނީ ދިރިއުޅުމަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން ގިނަ ބަހުސްތަކެއް ދަނީ ކުރެވެމުންދެއެވެ. އޭއައި އަކީ ތިމާގެ ހަތުރެއް ކަމުގައި ދެކޭ މީހުން އުޅޭއިރު އެއީ ތިމާގެ މިތުރެއް ކަމުގައި ދެކޭ މީހުންވެސް ގިނައެވެ. އޭއައިގެ ސަބަބުން އިންސާނާގެ ދިރިއުޅުމުގެ އެތައް ކަމެއް ފަސޭހަވެގެން ގޮސްފައިވާކަމަކީ ޝައްކެއްވެސް އޮއެތް ކަމެއް ނޫނެވެ.
އޭއައިގެ ސަބަބުން ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބެއް
އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައިގެ ޒަރީއާއިން ތައުލީމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމަށް ތަފާތު އެޕް ތަކާއި ވެބްސައިޓުތައް މިހާރު ވަނީ ތައާރަފް ވެފައެވެ. މައުލޫމާތު އެންމެ ފަސޭހައިން އެންމެ ގިނައިން ހޯދަން މީހުން ބޭނުންކުރާ ޗެޓް ޖީޕީޓީ އާއި ޖެމިނައި ފަދަ އެޕް ތަކަކީ މީގެ މިސާލެކެވެ.
މިފަދަ އެޕް ތަކުގެ ޒަރީއާއިން ތަފާތު މައުލޫމާތުތައް ހޯދި، އެކަންކަމަށް ހޭދަވާ ވަގުތު ސަލާމަތްވެގެން ދެއެވެ. ކޮންމެ ސުވާލެއް ކޮށްލިއަސް އޭގެ ފުރިހަމަ ޖަވާބު ލިބިގެންދެއެވެ. އިތުރަށް ސުވާލު ކުރުމާއި އިރުތަށް އޮޅުންފިލުވުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ. ކުރުގޮތަކަށް ބުނަނީ ނަމަ މިފަދަ އެޕް ތަކަކީ މިހާރު ޓީޗަރެއްގެ ވަޒީފާ އަދާކުރާ އެއްޗެކޭވެސް ބުނެވިދާނެއެވެ. ބައެއް ފަހަރު، ކުލާހުގައި ޓީޗަރު ކައިރިން އަހާ އޮޅުންނުފިލާ ތަކެތި ޗެޓް ޖީޕީޓީ ކައިރީ އަހާލުމުން އޮޅުންފިލައެވެ. ކިޔައިދެނީ އެހާވެސް ފަސޭހައިން ދޭހަވާނެ ބީދައަކުންނެވެ.
ރިސާޗުތައް ހެދުމަށް މައުލޫމާތު ހޯދުމަށާއި މިފަދަ ތަފާތު ކަންކަމަށް އޭއައި ބޭނުންކުރެވެއެވެ. މީގެއިތުރުން އޭއައި ވަނީ ސިއްހީ ދާއިރާގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައެވެ. ބަލިތައް ދެނެގަތުމާއި، ފަރުވާ ދިނުމުގައި އޭއައި ގެ ބޭނުން ހިފުމުގެ ސަބަބުން ގިނަ ފުރާނަތަކެއް ސަލާމަތް ކުރެވިފައިވެއެވެ.
ނަމަވެސް އޭއައިގެ ސަބަބުން ކުރަނީ ހަމައެކަނި ފައިދާއޭ ވެސް ނުބުނެވޭނެއެވެ. ސަބަބަކީ އޭއައިގެ ސަބަބުން ދިމާވާ ގެއްލުންތަކެއްވެސް ހުރުމުންނެވެ.
މައުލޫމާތުގެ ސައްހަކަމާމެދު ސުވާލު އުފެދުން
އޭއައި މަސައްކަތް ކުރާ ގޮތާމެދު ވިސްނާލަމާހެވެ. އިންސާނުންނާއި ހިލާފަށް އޭއައިގައި "ކޮމަން ސެންސް" އެއް ނުހުރެއެވެ. އޭއައި ޖަވާބު ދެނީ އޭތި ޕްރޮގްރާމް ކުރިއިރު ނުވަތަ ޓްރެއިން ކުރި އިރު އެއަށް އަޅާފައިވާ ނުވަތަ ފީޑްކޮށްފައިވާ މައުލޫމާތެއްގެ އަލީގައެވެ. އެހެންކަމުން އޭއައި ދެނީ ސީދާ ހަގީގީ މައުލޫމާތު ކަމާމެދު ޝައްކު އުފެދެއެވެ. މިއީ އޭއައި ބޭނުންކޮށްގެން އުފައްދާ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ އެކި ސަރުކާރުތަކުން ހައްލުތަކެއް ބޭނުންވެފައިވާ ދަނޑިވަޅެކެވެ. މިކަމަށް ހައްލެއް ގެނައުމަށް ގިނަ ބަހުސް ތަކާއި، ޑިސްކަޝަންތަކާއި، ޓްރެއިނިން ޕްރޮގްރާމްތައް ދަނީ ބޭއްވެމުންނެވެ.
މީގެއިތުރުން އޭއައިގެ މަސައްކަތުގެ ސަބަބުން ވަޒީފާތަކެއް ގެއްލިދާނެ ކަމުގެ ބިރުވެސް މީހުންގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ހާއްސަކޮށް އިންސާނުން އަދާކުރަމުން އަންނަ ވަޒީފާތަކަށް މެޝިނުތައް އުފައްދާ އެތަކެތި މަސައްކަތަށް ނެރެފިނަމަ ދުނިޔޭގެ އެތައް ބައެއްގެ ވަޒީފާތައް ގެއްލި އާމްދަނީ ހޯދޭނެ މަގު ބަންދުވެގެން ދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިކަމުގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ދަށްވެ "ޕޮވާޓީ" އަށް ދިއުމަށް މަގުފަހި ވެގެންދާނެއެވެ.
އެހެންކަމުން އުފެދޭ ސުވާލަކީ ޓެކްނޮލޮޖީ ދުވަހެއް ދުވަހަކަށް ފުޅާވެ ތަރައްގީވަމުން ދާއިރު ދުނިޔެ މި މިސްރާބު ޖަހަނީ ކޮން ދިމާލަކަށްތޯއެވެ؟ އިންސާނުންގެ މައްޗަށް މެޝިންތައް ބާރު ފޯރުވާނެ ދުވަހެއް އަތުވެދާނެތޯއެވެ؟ އަދި އެފަދަ ދަނޑިވަޅަކާ ކުރި މަތިވެއްޖެ ނަމަ ދެން ވާނީ ކިހިނެތް ތޯއެވެ؟