އަންހެނެއްގެ ކުރީގެ ފިރިމީހައާ މިހާރުގެ ލޯބިވެރިޔާ ދެމެދު މާރާމާރީއެއް ހިންގައިފިއެވެ.
މިކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 13:00 އެހާކަންހާއިރު ކަމަށެވެ. އަދި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ބުރެވިގަސް މަގުގައި ހުރި ލޮޓެއް ކައިރީކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެއާއެކު ފުލުހުން ބުނީ މި ހާދިސާގައި އެކަކުގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި ދެ މީހުންނަށްވެސް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ ހާދިސާއަށް އެޓެންޑުވެ ބެލި ބެލުމުން މި މާރާމާރީގައި އާއިލާގެ އިތުރު ބަޔަކުވެސް ޝާމިލުވެފައިވާ ކަން ހާމަވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި، އަދި އެ ދެމީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުންވެސް ވަނީ ހުޅުމާލޭ ފޭސް 2 ގެ އެޗް 11 ސަރަހައްދުން ޕާކް ތެރޭގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި އުމުރުން 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 23:10 އެހާއިރު ކަމަށެވެ.