ފުޓްބޯޅައަކީ ދިވެހިންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށްދީފައިވާ ކުޅިވަރެއް ކަމަށާއި ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރާ ހޯދައި ދިނުމަށް ކުރާ މަސައްކަތް ކާމިޔާބާ ހަމައަށް ދާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ބައިންލައަގްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ ފުޓްބޯޅަ ދުވަހާ ގުޅުވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، ދިވެހި ފުޓްބޯޅަ ވަނީ މުޅި ގައުމު އެއްބައިވަންތަ ކޮށްދީފައި ކަމަށެވެ. އެއީ ގައުމު ފަހުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައި ދިން ކުޅި ވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ފުޓްބޯޅައަކީ ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާއީ ރޫހު އާލާކޮށް ދީފައިވާ ކުޅިވަރެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވިއެވެ. ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައި ދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިހާރު ވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުޓްބޯޅައަކީ ޒުވާނުން ފޯރިއާއެކީ ކުޅެމުން އަަންނަ ކުޅިވަރެކެވެ. މިހާރު ރާއްޖޭގައި ފުޓްބޯޅައަށް އޮތް ރޫހު ދަށްވެފައިވާ އިރު މި ސަރުކާރުން އަންނަނީ އަލުން ފުޓްބޯޅަ ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އަންނަނީ ފުޓްބޯޅަ އާއިލާއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި އޮތުމުގެ ސަބަބުން ކުލަބުތަކަށް ދިމާވެފައިވާ މާލީ ގެއްލުންތަކުން އަރައިގަނެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކޮންމެ ކުލަބަކަށް މިއަހަރުގެ ކުރީކޮޅު ބައިލައްކަ ރުފިޔާ ވެސް ވަނީ ދީފައެވެ.