ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި ހަތް މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހު ޝަމީމްއަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ
- އަހުމަދު މައިސާން ހާޝިމް (20އ)، މާލޭ ދަފްތަރު ނަންބަރު 2247
- ޝަމާލް ހުސައިން (21އ)، ތ. ގާދިއްފުށި، މުސްތަރީގޭ
- ރަޖުވާން ލަތީފް (22އ)، ލ. މާމެންދޫ، މުރިނގު
- މުހައްމަދު ޖަޒްލާން (22އ)، ލ. ގަން، ޖަވާހިރުވިލާ
- ޒަޔާން ނަސީރު (23އ)، އދ. މާމިގިލި، ކެމީހިޔާ
- އަބާން އަބްދުލް ހަންނާނު (23އ)، ތ. ދިޔަމިގިލި، ރުވާ
- މިދުހަތު އާދަމް (24އ)، ރ. އަލިފުށި، ރިވެލި
މި 7 މީހުންގެ މައްޗަށްވެސް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ އުފުލާފައިވާއިރު ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 14ގައި ކުރި ހުކުމްގައި ވަނީ އެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ނިންމާފައެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ. މި މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު އަންނަ ހޯމައަށް ހަމަވާއިރު، އޭގެ ކުރިން މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެކަމަށް ޕީޖީން ވަނީ ބުނެފައެވެ.