ސިނަމާލެ ބްރިޖް މަތީގައި 2 އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުގައި 2 ސައިކަލު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ރޭ 9:48 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ސައިކަލެއް މަޑުކުރުމުން ފަހަތުން އައި އެހެން ސައިކަލެއް އެ ސައިކަލުގައި ޖެހި، ހަތަރު ސިގްނަލް ޖައްސައިގެން އޮތް ކާރެއްގައި 2 ސައިކަލު ޖެހިގެން ކަމަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި އެކްސިޑެންޓުގައި 2 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހި އިތުރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާގެ ފަލަމަސްގަނޑުން ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި 2 އެކްސިޑެންޓުގައި އަނިޔާވި 3 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި މި ދެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.