ނޫސްވެރިކަމުގެ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ (އޭއައި) ބޭނުންކުރުމާ ގުޅޭ ގޮތުން ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އަދި ފަންނީ ބޭފުޅުންނާއެކު ހާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ.
މިއަދު 14:00 އިން 17:30 އަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހޯލުގައި ކުރިއަށް ދިޔަ މި ޕެނަލް ޑިސްކަޝަނަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަނެކެވެ. މި ޑިސްކަޝަންގައި މައިގަނޑު 3 މައުޟޫއަކަށް 3 ޕެނަލަކުން ވަނީ ވާހަކަ ދައްކާފައެވެ.
އެގޮތުން ނޫސްވެރިކަމުގައި އޭއައި ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާނެ އަސަރުތަކަކީ ކޮބައިކަމާއި، އޭއައި ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކާފައެވެ. އަދި އޭއައިގެ ސަބަބުން ނޫސްވެރިންގެ ވަޒީފާތަކަށް ކުރާނެ އަސަރުތަކާއި ނޫސްވެރިކަމުގެ ދާއިރާގައި އުފެދިދާނެ އާ ބާވަތުގެ ޑިސްއިންފޮމޭޝަން ތަކާ ގުޅޭ ގޮތުންވެސް މި ޑިސްކަޝަންގައި ވަނީ އަލި އަޅުވާލައިފައެވެ. އެއާއެކު އޭއައި ބޭނުންކުރުމުގައި އެޑިޓޯރިއަލް މިނިވަންކަން ކަށަވަރު ކުރާނެގޮތްތަކާއި ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފައެވެ.
ދެވަނަ ކަމަކަށް އޮޓޮމޭޓެޑް ކޮންޓެންޓް ޖެނެރޭޝަންގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާއަށް ލިބޭނެ ފުރުސަތުތަކާއި އަދި ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ. މީގެއިތުރުން އިންސާނީ ހައްގުތައް ހިފަހައްޓާނެ ގޮތްތަކާއި، ބައަސް ދެނެގަންނާނެ ގޮތްތަކުގެ އިތުރުން އެކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ހިޔާލުބަދަލު ކުރެވިފައި ވެއެވެ.
ފަހުކަމަކަށް މި ޕެނަލް ޑިސްކަޝަންގައި ވަނީ ޑިޖިޓަލް މީޑިއާގައި އޭއައި ބޭނުންކުރުމުގައި ޕްރައިވަސީ ރައްކާތެރިކުރުމާއި، އޭއައި ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްތަކާ ގުޅޭގޮތުން ހުރި ގާނޫނީ ގޮންޖެހުންތަކާ މެދު މަޝްވަރާ ކޮށްފައެވެ. އަދި އޭއައި ބޭނުންކުރުމުގައި ގެންގުޅެން ޖެހޭ އަހުލާގީ މިންގަނޑުތަކާއި، އޭއައި ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްތަކުގެ ސޯސްތައް ވެރިފައި ކުރާނެ ގޮތާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ. އެއާއެކު އޭއައި ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ބޭނުންކުރެވިދާނެ ޓެކްނޮލޮޖީތަކަކީ ކޮބައިކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.