ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން މިވަގުތުވެސް 600 ޓީޗަރުން ބޭނުންވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ދާ "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން މިވަގުތުވެސް 600 ޓީޗަރުން ބޭނުންވާކަމަށާއި، މި ތަމްރީނުތައް އަންނަ މަހު ފަށަން ނިންމާފައިވާ ކަމަށެވެ.

މި ފޯރަމްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބާކީ ކުރަނީ ކީއްވެތޯ ވަނީ މިނިސްޓަރާއި ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މިނިސްޓްރީން އެއްވެސް ކުއްޖަކު ބާކީ ނުކުރާނެ ކަމަށާއި ހުރިހާ ކުދިންނާއި ދޭތެރޭވެސް އަމަލު ކުރާނީ ހަމަހަމަ އުސޫލުން ކަމަށެވެ. ޝަފީއު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެންމެ ފުރިހަމަ ވަސީލަތްތައް ނެތްކަމަށާއި، އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޝަފީއު އިތުރަށް ވިދާޅުވީ 'އިންކްލޫސިވް މޮޑެލެއް' ތައާރަފުކޮށް ރާއްޖޭގައި މިހާރު ހިދުމަތް ދެމުން އަންނަ ކަމަށާއި، އިންކްލޫސިވް ޑިޕާޓްމަންޓަށް މައުލޫމާތު ލިބިފައިވާގޮތުން ރާއްޖޭގައި ސްކޫލްތަކުގައި ލޮލަށް ނުފެންނަ 5 ކުދިން އެބަތިބި ކަމަށެވެ. ޝަފީއު ވިދާޅުވީ މިފަދަ ކުދިންނަށް ކިޔަވައިދޭނެ ފުރިހަމަ ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމެއްވެސް މިހާރު ފައްޓަވާފައިވާ ކަމަށެވެ.