އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓުނު ހާދިސާއާއި ގުޅިގެން އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދިޔަ ސިލްސިލާ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޒުވާނުން ދޫކޮށްލުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ގޮވާލައިފިއެވެ.
ހެންވޭރު ޕޮލިސް ސަރަހައްދުގައި "ދުލެއް ނުކުރާނަން" ނަމުގައި ޒުވާނުން ކުރަމުން ދިޔަ މި މުޒާހަރާ ރޭ ރޫޅާލާފައި ވަނީ ބާރުގެ ބޭނުން ކޮށްގެންނެވެ.
މި މުޒާހަރާގައި ހައްޔަރުކޮށްފައި ވަނީ ނ. ކުޑަފަރި، ބަގީޗާގެ، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މާލެ، މ. ހަސްތީ، އާއިޝަތު ޝިމަން އަހްމަދު (19އ) އެވެ.
ފުލުހުން ބުނި ގޮތުގައި މަހްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން ނެރުނު ބަޔާނުގައި ވަނީ، އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދާ ޒުވާނުންގެ ތެރެއިން އެ މުޒާހަރާތައް ލީޑް ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާއި ނުލައި މިނިވަން ކުރުމަށް ގޮވާލާފައެވެ.
އަދި ހަމަ އެހެންމެ އެ ޒުވާނުން ހައްޔަރު ކުރުމުގައި ހާލަތާއި ނުބައްދަލު ބާރު ބޭނުންކުރުމުގެ އިތުރުން އެ މުޒާހަރާގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕާ ސްޕްރޭ ޖެހުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
"އެއްވެ އުޅުމުގެ މިނިވަން ކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު އެ ހައްގުގެ ބޭނުންކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް ކުރަމުންދާ މުޒާހަރާތައް އަނިޔާވެރި ކަމާއެކު ރޫޅައިލުމަކީ ސަރުކާރަށް ގޮތް ހުސްވެ ހެއްދެވި ބޮޑު ގޯހެއް." އެމްޑީޕީ
މުޒާހަރާތަކަށް ފުރުސަތު ދީ ފުލުހުން ބޭނުންކޮށްގެން އެ މުޒާހަރާތައް ހުއްޓުވާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ވެސް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މުޒާހަރާ ރޫޅާލީ އާންމުންނަށް އުނދަގޫވާނޭހެން މަގު ބަންދުކޮށް މުޒާހަރާ ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދިނުމަށް ފަހު އެ ކަންކަމަށް ބައިވެރިން ބޯ ނުލެބުމުން ކަމަށެވެ.