ފެނަކައިގެ ސައިޓުތަކަށް ދޫކުރެވިފައިވާ "ޕެޓީކޭޝް" ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ފޮނުވައިފިއެވެ.

އޭސީސީ އިން ބުނީ 10 އޭޕްރީލްގައި މި މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ 3 ފަރާތަކީ:

  • ފެނަކަ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓާގެ މަގާމުގައި އޭރު ހުރި އަހްމަދު ސާތިޝް ސައީދު
  • ފެނަކަ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖިނިއާގެ މަގާމުގައި އޭރު ހުރި މުހައްމަދު އާސިދު
  • ފެނަކަ ސުޕަވައިޒަރެއްގެ މަގާމުގައި އޭރު ހުރި ހުސައިން އާސިރު

އޭސީސީ އިން ބުނީ ފެނަކައިގެ އައްޑޫ ސިޓީ، ސ. ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ހިލާފަށް އަމިއްލަ ބޭނުންތަކަށް، ސާތިޝް އާއި، އާސިދު އަދި އާސިރު ބޭނުންކޮށްފައިވާކަން އެ ކޮމިޝަންގެ ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

މި މައްސަލައިގައި އޭސީސީ އިން ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ކުށެއްކުރަން އެދުމުގެ ކުށުގެ ދައުވާއާއި، ކުށެއްކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި، 623,208.80 ރުފިޔާ އަނބުރައި ހޯދުމަށް ކޮމިޝަނުން ފެނަކައަށް އަންގާފައިވާއިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ފޯޖަރީގެ އަމަލުތަކެއް ހިންގާފައިވާކަމަށް ފާހަގަކުރެވޭކަމަށް ބުނެ އެކަން ތަހުގީގުކޮށްދިނުމަށް އޭސީސީ އިން ވަނީ ފުލުހުންނަށް ހުށަހަޅަން ނިންމާފައެވެ.