ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރާއްޖެ ވަޑައިގެން މިއަދު މެންދުރުފަހު ރައީސް އޮފީހަށް ވަޑައިގެނ ްރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވާފައިވާއިރު މެހެމާނުން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއިކުރައްވާފައެވެ.

މި ދަތުރުގައި މިއަދު ހަވީރު ފިނޭންސް މިނިސްޓްރީގައި ވެސް "ހައި ލެވެލް" ރަސްމިއްޔާތެއް ބާއްވަން ވަނީ ހަމަޖެެހިފައެވެ.

ފިނޭންސް މިނިސްޓްރީއިން ހާމަކުރާ ގޮތުގައި އެ ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އޮންނާނެއެވެ. އަދި ސައޫދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި ހިންގާ ތަރައްގީގެ ބައެއް މަޝްރޫއުތައް މިއަދު ހަވީރު އިފުތިތާހުކުރުމަށް ވަނީ ނިންމާފައެވެ.

ދާދިފަހުން ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހާއްސަ މެހެމާންދާރީގައި ރައީސް މުއިއްޒު ކުރެއްވި އުމްރާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

އެ ދަތުރުފުޅުގައި އިސްލާމިކް މިނިސްޓްރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދޒާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއް ޝައިހް މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފާއި މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަބްދުﷲ ނާސިރުވެސް މި ދަތުރުފުޅުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް މަދީނާއަށް ވަޑައިގަތުމުން ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒެވެ. ރައީސްގެ މި ދަތުރުފުޅުގައި ވަނީ މަދީނާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރައްވާފައެވެ.