ނިމިދިޔަ ރިޔާސީ އންތިހާބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ގެއްލިދިޔަ ސަބަބު ހޯދުމަށް ދިރާސާއެއް ހަދަން އެ ޕާޓީއިން ނިންމައިފިއެވެ.

މި ނިންމުންނ ނިންމާފައި ވަނީ ނިމިދިޔަ ރިޔާސީ އަދި މަޖިލިސް އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެމްޑީޕީއިން ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ރަސްމީ ބައްދަލުވުމުގައެވެ.

އެމްޑީޕީއިން ބުނީ އެ ބައްދަލުވުމަށް މާލޭގައި ތިބި 50 އަށްވުރެ ގިނަ އެމްޑީޕީގެ މެމްބަރުން ހާޒިރުވި ކަމަށެވެ. އަދި މި ބައްދަލުވުމުގައި މެމްބަރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ ނިކުމެފައިވާ ގޮތާއިމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށެވެ.

މަޝްވަރާއަށްފަހު ނިންމާފައިވަނީ އިންތިހާބުތައް ގެއްލިގެންދިޔަ ސަބަބުތަކުގެ ދިރާސާއެއް ހެދުމަށް ކޮމެޓީއެއް އެކުލަވާލުމަށް ކަމަށް އެމްޑީޕީއިން ބުނެއެވެ. އަދި މި ދިރާސާގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ފުޅާ ދާއިރާއެއްގައި އެކުލެވޭނެހެން ރައްޔިތުންގެ ގާތަށް ގޮސް ޕާޓީގެ ކުރިމަގު ބިނާކުރާނެ ގޮތްތަކާއިމެދު ދިރާސާ ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީއަށް ނާކާމިޔާބުވެފައި ވާއިރު، މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ މަދު އަދަދެއްގެ ގޮނޑިތަކެކެވެ. އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.