މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯ އިން ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލައިއިރު 12 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ. ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 617 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާ އިރު 18 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެ ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއެކު ވިޔަފާރި ކުރުމުގެ ހަރަދު ވަނީ އިތުރުވެފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. ނަމަވެސް ޖުމްލަ ފައިދާ އިތުރުވުމާ ހިންގުމުގެ ހަރަދު ކުޑަކުރެވުމާއެކު މިކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 308 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލައި 19 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 235 މިލިއަން ރުފިޔާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލައި 46 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. މީގެ މައިގަނޑު ސަބަބަކީ، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުވެ ޖުމްލަ ފައިދާ އިތުރު ވުމާއެކު ހިންގުމުގެ ހަރަދު ކުޑަކުރެވުމުގެ ނަތީޖާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އަދި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ އެސްޓީއޯއަށް ވަނީ ލިބިފައެވެ.