ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅަކަށް ނުވާތީ މިކަމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ދީފައެއް ނުވެއެވެ. ނަމަވެސް މިއީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ ދެވަނަ ނުރަސްމީ ދަތުރުފުޅެކެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ރައީސް ވަނީ އާއިލާއާއެކު ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާފައެވެ. އޭގެ ފަހުން މަގާމާ ހަވާލުވެވަޑައިގެންފަހުން މިދިޔަ މާޗްމަހުގެ 22 ގައި ވެސް ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ.

ރައީސްގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރަސްމީ ދަތުރުފުޅުތަކުގައި ވަނީ ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޗައިނާއަށް ވެސް ވަޑައިގެންފައެވެ.