އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހު 29 އިން ފެށިގެން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ބައްލަވައި ގަންނަވާ "ޕަޔަނިއާ" ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާ އެއް 90 ރުފިޔާއަށް (ޖީއެސްޓީ ނުހިމަނައި) ލިބިގެން ދާނެ ކަމަށެވެ. މިއީ އާންމު އަގުންނަމަ 108 ރުފިޔާއަށް ވިއްކަމުންއައި ސިމެންތި ބަސްތާއެކެވެ.

މި ޕްރޮމޯޝަނުން ލިބިގެންދާ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި، އަތޮޅު ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމު ފަރުދުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެ އިތުރުން 1،500 ރުފިޔާއަށް ވުރެއް މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ވެސް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވެރީ ކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏަކީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއެވެ. އަދި ޕަޔަނިއާ ސިމެންތިއަކީ ޔޫއޭއީގައި އެންމެ މަގްބޫލް އެއް ސިމެންތި ބްރޭންޑެވެ. މި ސިމެންތި އަކީ (BS 42.5N) EN 197-1:2011 CEM ގްރޭޑް ގެ އޯޕީސީ ސިމެންތި އެކެވެ.