ދިވެހިންނަކީ އެއްބައިވަންތަ އެއްބައެެއް ވަންތަ ބައެއްކަން އެނގިހާމަވާ އެތައް ކަމެއް އެބަހުރިއެވެ. ދިވެހިންގެ ސަގާފަތާއި އާދަކައިދައިގެ ތެރެއިން ވެސް މިފަދަ ކަންކަން ފެންނަން އެބަހުރިއެވެ. އެއްބައިވަންތަ ކަން އާލާކުރުމުގެ ގޮތުން ތަފާތު ކަންކަންވެސް ދިވެހިން ކޮށްއުޅެއެވެ. ވަކިވަކި ރަށްރަށް ރަށުގެ މުޖުތަމައުގައި އަވަށް އަވަށަށްވެސް އެއްބައިވަންތަކަން އާލާކުރަން އީދު ސަޔާއި ރަމަޟާން މަހަށް މާހެފުންތައް ބާއްވާ ހަދައެވެ. އެހެންނަމަވެސް ދައްކަން މިއުޅެނީ މިފަދަ އެހެންނަމަވެސް ތަފާތު ކަމެއްގެ ވާހަކައެވެ.

މުހައްމަދު ތަކުރުފާނުގެ ތިން ބެއިންގެ ތާރީހީ ގިނަ ހަނދާންތައް އެ ރަށެއްގައި މިހާރުވެސް ފެންނަން ހުރި ހއ. ބާރަށުގައި ތައްޔާރުކުރަމުން އަންނަ ޒަމާންވީ ދިގު ބަތްޕެނުގެ ވާހަކައެވެ. ޒަމާންވީ އެ ދިގުބަތްޕެނުގެ ވާހަކަތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފޯރާފައިވާއިރު އޭގެ ރަހަ ބަލަންވެސް ގިނަ އަދަދެއްގެ ބަޔަކު އެ ރަށަށް ދެއެވެ. އެ ހާއްސަ ދިގު ބަތްޕެނަކީ ކޮންމެ ކޮންމެ ދުވަހަކު އެ ރަށުން ކާން ލިބޭނެ އެއްޗެއް ނޫނެވެ. އެއީ ރަމަޟާން މަހު ފަހު ދުވަހުގެ ރޯދަ ވިއްލުމަށް އެ ރަށުގެ ގިނަ ބަޔަކު އެކުވެގެން ތައްޔާރުކުރާ އެއްޗެކެވެ.

އެ ދިގު ބަތްޕެނަކީ ގިނަ ބާވަތްތަކެއްގެ ފަތްޕިލާވެލި އަޅައިގެން ތައްޔާރުކުރާ އެއްޗަކަށްވާއިރު އެ ކައްކަނީ އެ ރަށު ފަޒާ ނައިޓް އުމުރުން 78 އަހަރު އަލީ އަހުމަދު (އަލިބެ) އެވެ.

ބާރަށު ދިގުބަތްޕެން ކެއްކުމުގައި އަލިބެ ހަރަކާތްތެެރިވަނީ/ ފައިލް ފޮޓޯ: ނަޒީހު

މާލޭ ގަނޑުވަރުގައި އުޅުނު ހަސަނު ބާރަށަށް ތައާރަފްކުރި ދިގުބަތްޕެން!

އަލިބެއާ ބައްދަލުކޮށް ދިގު ބަތްޕެން ވުޖޫދުވި ގޮތާ ގުޅޭ ގޮތުން ސުވާލުކޮށްލީމެވެ. އަލިބެ ބުނީ ދިގު ބަތްޕެނަކީ މާލޭ ގަނޑުވަރު ތެރޭގައި އުޅުނު އެ ރަށު މީހުންގެ ނަމުން ނަމަ މާލޭ ހަސަނު ކެއްކި އެއްޗެއް ކަމަށާއި ދިގު ބަތްޕެން އެ ރަށަށް ތައާރަފްކުރީ އެ މީހާ ކަމަށެވެ. އެއަށްފަހު އެ މީހާ ވަނީ ކޮންމެ ރަމަޟާން މަހެއްގެ ފަހު ދުވަހު އެ ރަށުގައި އެ ދިގު ބައްޕެން ކައްކަމުން އައިސްފައެވެ.

އެ މީހާ ނިޔާވުމަށްފަހު އެ މީހާގެ ދައުރު އަދާކުރަނީ އަލިބެއެވެ. އެއަށްފަހު ކޮންމެ އަހަރަކު އެ ކައްކަނީވެސް އަލިބެއެވެ. އަލިބެގެ ހަނދާނުން އެ ބަތްޕެން ކައްކަން ފެށީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައެވެ. އެހެންކަމަށް ވަނީ ނަމަ މިހާރު 45 އަހަރެއްހާ ދުވަސް ވެދާނެއެވެ. އަލިބެ ބުނީ ދިގު ބައްޕެން ތައާރަފްވެފައިވަނީ އެ ރަށު ދެކުނު އަވަށަށް ކަމަށާއި އުތުރު އަވަށުން މީހުންވެސް އެ ދިގުބަތްޕެން ބޯން އަންނަ ކަމަށެވެ.

ދިގު ބަތްޕެނަށް ފަތްފިލާވެލީގެ ގިނަ ބާވަތްތަކެއް އަޅާ!

ބޮޑު ދެ ތެލީގައި ބަތްޕެން ކައްކާއިރު ފަތްޕިލާވެލީ ގިނަ ބާވަތްތަކެއް އެއަށްއަޅައެވެ. އެގޮތުން މުރަގަ ފަތް، ދިގުތިޔާރަފަތް، މައްސާގު ފަތް، މާ ބުޅާފަތް، ދަނޑިއަލުވި ފަތް، ބަރަބޯ ފަތް، ޅޮސް ފަތް، ފެޝެން ފުރުޓު ފަތް އަދި މިރިހި ފަތް ފަދަ ގިނަ ބާވަތްތަކެއް އެއަށްއަޅައެވެ. އޭގެ އިތުރުން ބަރަބޮލާއި ބިލިމަގާއި މާޔޮސްކެޔޮވެސް އެއަށް އަޅައެވެ.

ބާރަށު ޒަމާންވީ ދިގުބަތްޕެން ކެއްކުމަށް ތައްޔާރުވަނީ/ ފައިލް ފޮޓޯ: ނަޒީހު

އެ ބަތްޕެނުގެ ހަވާދޫ ބަޔަށް ދިރި، ދަވިއްގަދު، ކޮތަންބިރި، ހިކި މިރުސް އަދި ރީނދޫ ބޭނުންވާއިރު އަލިބެ ބުނީ އެއިން ކޮންމެ ތެއްޔަކަށް ދެ ޕެކެޓް ރީނދޫ ބޭނުންވާނެ ކަމަށެވެ. އަދި 12 ކިލޯ ފިޔަލާއި އެއް ކިލޯ ލޮނުމިދާއި އެއް ކިލޯ ގިތެޔޮ މިރުސް އަދި 300 ގްރާމް އަސޭމިރުސްވެސް އެއަށް އަޅައެވެ.

"އެއިން ކޮންމެ ތެއްޔަކަށް އަޅަން ޖެހޭ ދެ ޕެކެޓް ރީނދޫ. ތެލިއޭ ބުނީމަ ކަލޭމެން ކުދިން ކޮސްވާނެ އެ ހުންނަ ބޮޑެތި ތެލި ތެލި"
އަލިބެ

ދިގު ބަތްޕެނަަށް 15 ކިލޯ ހަނޑުލާއި 4 ޕެކެޓް އަޖުނަމުޓޯއާއި 50 ކާށީގެ ކިރު ބޭނުންވާއިރު އެއަށް ރޯމަސްވެސް އަޅައެވެ. އެގޮތުން ހިބަރެއްގެ މަސް ނުލިބިއްޖެ ނަމަ އަޅަނީ 15 ކިލޯ މަސް ކަމަށާއި ދެ ފުޅި ރިހާކުރުވެސް ބޭނުންވާ ކަމަށް އަލިބެ ކިޔައިދިނެވެ. އަލިބެ ބުނީ ރިހާކުރު އަޅަން ފެށީ ދާދި ފަހުން ކަމަށާއި އެގޮތުން ރިހާކުރު އަޅަން ފެށިތާ އަދިވާނީ 15 ވަރަކަށް އަހަރު ކަމަށެވެ.

މިއަދު ހެނދުނު 8 ޖަހާއިރު މަސައްކަތް ފަށާނެ!

މިއަދަކީ މިއަހަރުގެ ދިގު ބަތްޕެން ކައްކާ ދުވަސް ކަމުން މިއަދުގެ 8 ޖަހާއިރަށް މަސައްކަތަށް އެންމެންނަށް އޮންނާނީ ކިޔާފައެވެ. އެންމެން އެއްތަނަކަށް ޖަމާވެ، ފަތްފިލާވެލީގެ ބާވަތްތައް ހޯދަން ދާއިރު އަލިބެ ހުންނާނީ ދިގު ބަތްޕެން ކައްކާ ސަރަހައްދުގައެވެ. އެތަކެތި ގެނައުމުން މަދު ނުވާވަރު ބަލާ އަލިބެ ނެގުމުން އެތަކެތި ކޮށުމުގެ މަސައްކަތް ފަށާއިރު މެންދުރު 12 ގެ ކުރިން އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އަލިބެ ބުންޏެވެ.

ބާރަށު ޒަމާންވީ ދިގުބަތްޕެން ކެއްކުމަށް ތައްޔާރުވަނީ/ ފައިލް ފޮޓޯ: ނަޒީހު

ދިގު ބަތްޕެން ކެއްކުމަށް ކާށި ގާނާ ކިރުނެގުމުގެ މަސައްކަތުގައި އުޅެނީ އަންހެނުންނެވެ.

ބަތްޕެން ކެއްކުމަށް ތެލިތައް އުދާނީ މެންދުރުފަހު 3 ޖަހާއިރެވެ. 15 ކިލޯ ހަނޑޫ ދޮވެ، ދެ ތެއްޔަށް އެ ހަނޑޫ ބަހާލާ ކައްކަން އުދާ، އެ ކެކުމުން ފުރަތަމަ އަޅަނީ ރީނދުލެވެ. އެއަށްފަހު ކޮންމެ ތެއްޔަކަށްވެސް އަޅަނީ އެއް ޕެކެޓް ލޮނެވެ. ރަމަޟާން މަސް ކަމުން ލޮނު ހެޔޮވަރު ކުރަނީ ރޯދަ ވިއްލުމަށްފަހުއެވެ.

ފެން ކިރު އަޅުމަށްފަހު ބަރަބޮލާއި މާޔޮސް ކެޔޮ އަޅާ އެ ތަކެތި މަޑުވުމުން އަޅަނީ މަހާއި ހަވާދުލުގެ ބާވަތްތަކުގެ އިތުރުން ބިލިމަގު ކަމަށް އަލިބެ ކިޔައިދިނެވެ.

އެ ބަތްޕެން ތައްޔާރުކުރުމަށް އެ އަވަށުގެ ރައްޔިތު އެންމެން ފަދައިން ބައިވެރިވެއެވެ. އަދި ބަތްޕެން ބުއިމަށް ގެއިން ތައްޓާއި ސަމްސާ ހިފައިގެން އެ ސަރަހައްދަށް ދިއުމަށް އާންމުނަން އަންގައެވެ. ބަތްޕެނާއެކު ބުއިމަށް ކުރުންބާ ފަންޏާއި ޖޫސް ތައްޔާރުކޮށްފައި ހުންނައިރު އަލިބެ ބުނީ ކޮންމެ މީހަކު ދިޔަ ކަމުގައި ވިޔަސް އެ ތަކެތި ލިބޭނެ ކަމަށެވެ.

އަލިބެ "ދަ ޕްރެސް" އަށް އިންޓަވިއު ދެނީ/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް
"އާމުންނަށް އިންނާނެ އެ ދުވަހު އަންގާފައި ގެއިން ތަށި ހިފައިގެން ސަމްސަލާއި ތައްޓާ ހިފައިގެން ދާން އެ ކައްކާ ސަރަހައްދަށް ބޯން. އެ ސަރަހައްދުގައި ހުންނާނީ ކުރުންބާ ފަންޏާއި ޖޫސްވެސް ގިރާފައި ހުންނާނެ އެ ސަރަހައްދުގައި. ކޮންމެ މީހަކު ދިޔަސް ލިބޭނެ. ވަކި މީހަކަށް ދޭ އެއްޗެއް ނޫން."
އަލިބެ

ކުރުންބާވެސް އެ ހުރިހާ ރައްޔިތުންނަށް ބޮވޭ ވަރަށް އެ ރަށުގެ ރައްތަކުން ކޮންމެ އަހަރަކުވެސް ލިބޭ ކަމަށް އަލިބެ ބުނެއެވެ.

މިއަދު ތަނުން ތަނުން ހުސްވާ ބަތްޕެން، ހުސްނުވެގެން މީގެ ކުރިން އަލިބެމެން މުޅި ރަށުގައި ތެލި ހިފައިގެން ހިނގި!

ދިގު ބަތްޕެން އާންމު ނުވާއިރު ބަތްޕެން ހުސް ނުވެގެން ދެ އަހަރަކު އަލިބެ މެން ވަނީ ތެލި ހިފައިގެން ގޭގޭ ކައިރިއަށް ގޮސް ވެސް މީހުންނަށް ދީފައެވެ. އެހެންނަމަވެސް އެއާ ހިލާފަށް މިހާރު އެ ކެއްކޭ މިންވަރު އޮންނަނީ މަދުވެފައެވެ. ބަތްޕެން ބޯން ފަށާތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ތެލި ހުސްވާއިރު އެ އަތޮޅުގެ މީހުންނާއި މާލެއިންވެސް ސީދާ ބަތްޕެން ބުއިމަށް މީހުން އެ ރަށަށް ދެއެވެ.

ބާރަށު ޒަމާންވީ ދިގުބަތްޕެން ކެއްކުމަށް ތައްޔާރުވަނީ/ ފައިލް ފޮޓޯ: ނަޒީހު

އަލިބެ ބުނީ މިހާރު ތެލި ހިފައިގެން ދާން ޖެހޭ ވަރު ނުވާ ކަމަށާއި މިހާރު ތަނުން ތަނަށް ހުސްކޮށްލާ ކަމަށެވެ.

"ކުރީގައި އަޅުގަނޑުމެން ހިނގިން އެއް އަހަރު ދެ އަހަރު ކަންނޭނގެ ހިނގިން މުޅި ރަށުގައި އެ ތެލި ހިފައިގެން ނަގާ މީހުން ނަގަން. އެ އަވަށުގައި ވެސް ހިނގިން އޭރުން. މިހާރު ނުދަން. މިހާރު ތަނުން ތަނަށް ހުސްކޮށްލާ"
އަލިބެ

ގުޅުން ބަދަހިކުރަން ކައްކާ އެ ދިގު ބަތްޕެނަކީ މުޅި ރާއްޖެއަށްވެސް މަގުބޫލުއެއްޗެކެވެ. އެ ރަށަށް އަރާ މީހަކު އެ ބަތްޕެނުގެ ވާހަކަ ނުދައްކައެއް ނުފައިބައެވެ. އެ މަސައްކަތުގައި އަވަށުގެ ރައްޔިތުން ބައިވެރިވާއިރު ޒުވާނުންގެ ދައުރުވެސް އިންތިހާއަށް ބޮޑެވެ.

އިރު އޮއްސޭ ވަގުތު ބަތްޕެން ބޯން ގޮސް ތިބޭ އެ ރަށުގެ މީހުން ތެލިތައް ކައިރި ދަމާލާ ދިގު ސަފުން އެ ބަތްޕެނުގެ މީރުކަން އިތުރަށް އެނގެއެވެ. އެ ބުއިމަށް ކެތްމަދުވެފައި ތިބޭކަން ވެސް ހާމަވެއެވެ. މިއަދުގެ އިރުއޮއްސޭ ވަގުތަކީ މިއަހަރުގެ ބަތްޕެން ބޯލަން ލިބޭނެ ވަގުތެވެ. މިހާރުވެސް އެތައް ރައްޔިތަކު ތިބީ އެ ވަގުތަކަށް ކެތްމަދުވެފައެވެ. މިއީ އެއްބައިވަންތަކަން އާލާކޮށް، ގުޅުން ބަދަހިކޮށްލަން ފަހި ގޮތެކެވެ.