ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ވައިގެ މަގުންނާއި ކަނޑުމަގުން ގުޅާލުމަކީ ދެގައުމުގެ ވިޔަފާރިއާއި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު ޝެހްބާޒް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ކުރިއަށްދިޔަ "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދެގައުމުގެ ވިޔަފާރިވެރިން ބައިވެރިވި މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މާލެއިން އިސްލާމްއާބާދަށް ނުވަތަ ކަރާޗީއަށް މިވަގުތު ސީދާ ދަތުރުތައް ނެތުމަކީ ބޮޑު ހުރަހެއްކަން ފާހަގަކުރައްވައި، ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، މި ދަތުރުތައް ފެށުމާ ގުޅޭ ފީސިބިލިޓީ ސްޓަޑީއެއް އަވަސް މުއްދަތެއްގެ ތެރޭގައި ހެދުމަށް ޕާކިސްތާނުގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނަށް މިހާރު ވަނީ އަންގަވާފައެވެ. އަދި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އާއި ޕާކިސްތާނުގެ އެހެނިހެން އެއާލައިންތަކުން ޓޫރިސްޓުންނާއި ވިޔަފާރިވެރިން ގޮވައިގެން މާލެއަށް ފުރަތަމަ ފްލައިޓް އޮޕަރޭޓް ކުރެވޭނެ ގޮތްތައް ބެލުމަށް ވެސް އިރުޝާދު ދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ގައުމީ އެއާލައިނުން ވެސް ޕާކިސްތާނަށް ދަތުރުތައް ފެށުމުގެ ޕްލޭނެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ވައިގެ ދަތުރުފަތުރުގެ އިތުރުން ކަނޑުމަގުން ދެގައުމު ގުޅާލުމަކީ ވެސް އިންތިހާއަށް މުހިންމު ކަމެއްކަން ބޮޑުވަޒީރު ޝެހްބާޒް ފާހަގަކުރެއްވިއެވެ. އެގޮތުން ކަރާޗީ ނުވަތަ ގްވާދަރު ބަނދަރުން ރާއްޖެއަށް އިތުބާރު ހުރި، ސީދާ ޝިޕިން ދަތުރުތަކެއް ތާވަލުކުރެވިގެން މެނުވީ، ދެގައުމުގެ ދެމެދުގައި ކަނޑައަޅާފައިވާ ވިޔަފާރީގެ އަމާޒުތަކަށް އެދެވޭ އަދި އަވަސް ގޮތެއްގައި ވާސިލުނުވެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފޯރަމް ނިންމަވާލައްވަމުން ބޮޑުވަޒީރު ވަނީ، ދަތުރުފަތުރުގެ މި ވަސީލަތްތައް ގާއިމުކުރެވިއްޖެނަމަ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަހުވަންތަ ގުޅުން އިގްތިސާދީ ގޮތުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.