ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހައި އަލިފާން ރޯކޮށްލުމަށް އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ގޮވާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޒިހާން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޒިހާން ޖެހި ސްޓޭޓަސްގެ ސްކްރީން ޝޮޓެއް

ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ މައި އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، ޒިހާން ވަނީ އެކަމަށް ހިތްވަރުދީފައެވެ. އަދި އެތަންތަން "ރޯކޮށްލައިފިއްޔާ މަޖާވާނެ" ކަމަށް އޭނާގެ ސްޓޭޓަސްގައި ބުނެފައިވެއެވެ. އެމެރިކާގެ ނޭވަލް އެކެޑެމީން ތައުލީމު ހާސިލުކުރައްވާފައިވާ ޒިހާން ވަނީ މި ސްޓޭޓަސް ޖެހިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލާފައެވެ.

ފަހުން އޭނާ ކޮށްފައިވާ ފޯސްޓެއްގައި ވަނީ މިތަންތަނުގައި ރޯވެފައި ނެތީ ކޮން ވަގުތެއްތޯ ސުވާލުކޮށްފައެވެ. އަދި ކޯޓުތައް ވިކިފައިވާ ކަމަށާއި، މަޖިލީހުގައި މެންބަރުން އެކަކު އަނެކަކަށް ދެމުންދާ ހަމަލާތަކާއި އަދި ވެރިން ގައުމު ވިއްކާލާފައިވާކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަދައްކާފައެވެ.

މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކޮށްފައިވާ ޒިހާން އެ މަގާމުން ވަކިކުރި ފަހުން އޭނާ އަންނަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމަކީ ނުވަތަ އެފަދަ ކަމަކަށް މަގުފަހިވާފަދަ ގޮތަކަށް ވާހަކަދެއްކުމާއި ލިޔުމާއި ނުވަތަ އެ ނޫންވެސް ވަސީލަތެއް މެދުވެރިކޮށް އާންމުކުރުމަކީ ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ.