މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ ރައްޔިތުންނަށް ނުރައްކާވާ ގޮތަށް ތަކުރާރުކޮށް ގޯނާކުރަމުންދިޔަ މީހެއްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮވާލައި، މުހައްމަދު ސައީދު ފުލުހުންގެ މައި އިދާރާގައި ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު، އެ އިމާރާތުން އޭނާ ނެރުމާ ގުޅިގެން އާއިލާއާ އެކު މަޖީދީމަގަށް ބަދަލުކޮށްފިއެވެ.
މި މައްސަލައަކީ ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު އަހުމަދު ފައިރިޝް ކިޔާ މީހަކު އެ ސަރަހައްދުގައި ހިންގަމުންދިޔަ ނުރައްކާތެރި އަދި ބޭއަދަބީ އަމަލުތަކަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ. އޭނާގެ ފަރާތުން މަގުމަތިންދާ މީހުންނަށް ހަޑިހުތުރު ބަހުން މުއާމަލާތްކުރުމާއި، ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ތެޅުމާއި، ސައިކަލުތައް ވައްޓައިގެންނާއި ބޯޑުތައް ދަމައި މަގު ބަންދުކުރުން ފަދަ އަމަލުތައް ދިޔައީ ފެންނަމުންނެވެ. މީގެއިތުރުން، ބެލްކަނީގައި ހުރެ މަގުމަތިންދާ މީހުންގެ ގަޔަށް ތެލާއި ފެން އުކުމާއި، ގެތަކަށް ކުނިއެޅުމާއި، ދަންވަރުން ފެށިގެން ފަތިސް ވަންދެން އަޑުގަދަކޮށް ހަޅޭއްލެވުމުގެ އިތުރުން ހުއްދައަކާ ނުލައި ގޭގެއަށް ވަދެގަތުން ފަދަ އިންތިހާއަށް އުނދަގޫ ބޮޑު ކަންކަން ކުރަމުންދާ ކަމުގެ ވީޑިއޯ ހެކިތައް ސައީދު ވަނީ އާންމުކޮށްފައެވެ.
އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެދި ސައީދު ފުލުހުންގެ އިދާރާގައި އިހުތިޖާޖު ފެށުމާ ގުޅިގެން، ފުލުހުން ވަނީ ފައިރިޝް ހައްޔަރުކޮށްފައެވެ. ނަމަވެސް، ކުޑަ ވަގުތުކޮޅަކަށް ހައްޔަރުކުރުމަށްފަހު އޭނާ އަނެއްކާވެސް ދޫކޮށްލާނެ ކަމަށް ބަލައި، މިކަމަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ނިންމައިނުލާނެ ކަމަށް ސައީދު ބުންޏެވެ.
ފުލުހުންގެ އިދާރާގައި 14 ގަޑިއިރު ހޭދަކުރުމަށްފަހު، އެ ތަން ދޫކޮށް ދިއުމަށް ފުލުހުން އެންގުމާ ގުޅިގެން ސައީދު ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ، މި މައްސަލައިގައި ކަމާބެހޭ މުއައްސަސާތައް ފެއިލްވެފައިވާ މިންވަރު ހިއްސާކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި:
- ފުލުހުން ވަނީ މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި، ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާއަށް ޕަވާޕޮއިންޓް ޕްރެޒެންޓޭޝަނެއް ތާވަލުކޮށްފައިވާ ކަމަށް ބުނި ކަމަށެވެ.
- އެންޑީއޭ (ނެޝަނަލް ޑްރަގް އޭޖެންސީ)އިން އޭނާ ޝަރުތު ހަމަނުވާ ކަމަށް ބުނެ އެ އިދާރާއަށް ބަލައިގަތުމަށް ވަނީ ދެކޮޅު ހަދާފައެވެ.
- އެޗްޕީއެސްއެން (ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ މަރުކަޒު) ން އޭނާއަކީ ނަފްސާނީ ބަލިމީހަކަށް ނުވާތީ އެ ތަނުން ވެސް ޒިންމާ ނެގެން ނެތް ކަމަށް ވަނީ ބުނެފައެވެ.
- ޕީޖީ އޮފީހުންވެސް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ކޯޓު މަރުހަލާ ކުރިއަށް ގެންދެވެން ނެތް ކަމަށް ވަނީ ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް ވިދާޅުވީ، ވަކި މަގުސަދެއް ހާސިލުކުރުމަށްޓަކައި ވިޔަސް ފުލުހުންގެ މަރުކަޒެއްގެ ތެރޭގައި ހަޅުތާލު ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. ނަމަވެސް، އެ ފަރާތުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ގާނޫނީ އިމުގެ ތެރެއިން ފުލުހުންނަށް އެޅެން ހުރި އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި، އެހެން މުއައްސަސާތަކާ ގުޅިގެން ވެސް ހައްލު ހޯދުމުގެ މަސައްކަތް ފުލުހުން ކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
