ސައުދީ އަރަބިއްޔާގެ މަދީނާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ދުޝްމަނުންގެ ޑްރޯނެއް، ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އިސްކޮށް އޮންނަ ކޯލިޝަން ސިފައިން ވައްޓާލައިފިއެވެ.

ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވި ގޮތުގައި، މި ޑްރޯން ހަމަލާ ނާކާމިޔާބުކޮށްލާފައިވަނީ މަދީނާގެ ވައިގެ ސަރަހައްދަށް ވަންނަން އުޅެނިކޮށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އަދި އެއްވެސް އިމާރާތަކަށް ނުވަތަ އުމްރާނީ ތަރައްގީގެ ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެފައިވެއެވެ.

މީގެ އިތުރުން، ސައުދީ ސިވިލް ޑިފެންސުން ވަނީ މިފަދަ ހާދިސާތަކާ ގުޅޭ މައުލޫމާތާއި، ޑްރޯން ވެއްޓޭ ތަންތަނުގެ މަންޒަރުތައް މީސްމީޑިއާގައި އާންމުނުކުރުމަށް އަންގާފައެވެ.

މައްކާއާއި މަދީނާގެ ހަބަރުތައް ގެނެސްދޭ 'އިންސައިޑް ދަ ހަރަމައިން' އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދުޝްމަނުންގެ ޑްރޯނެއް މަދީނާ ސަރަހައްދުން ވައްޓާލާފައިވާ ކަމަށާއި، މާތްވެގެންވާ ދެ ހަރަމްފުޅު ރައްކާތެރިކުރެއްވުމަށް އެދި ދުއާކުރާ ކަމަށެވެ.

މައްކާގެ މަސްޖިދުލް ހަރާމް އަދި މަދީނާގެ މަސްޖިދުއް ނަބަވީ ހިމެނޭ ސަރަހައްދަކީ ވައިގެ މަގުން އުދުހުން މަނާ، އަދި ސަލާމަތީ ގޮތުން ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ދެ ސަރަހައްދެވެ.

ސައުދީގެ ދިފާއީ ބާރުތަކުން ދަނީ މި ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން 24 ގަޑިއިރު ވަރަށް ގާތުން ބަލަހައްޓަމުންނެވެ. ފަހަކަށް އައިސް ޔަމަނުގެ ހޫތީން ދަނީ ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު މަދީނާގެ ތައިބާ ކަރަންޓު ޑިސްޓްރިބިއުޝަން ސްޓޭޝަނަށްވެސް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ.

އެ ހަމަލާގައި ކަރަންޓު ވިއުގައަށް ބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް، އެއް ޓްރާންސްފޯމަރު ބޭނުންނުކުރެވޭ ވަރު ވި ކަމަށް ކޯލިޝަނުން ބުނެފައިވެއެވެ. މީގެ އިތުރުން، އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުވެސް މަދީނާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ކޯލިޝަން ސިފައިން ވަނީ ވައްޓާލާފައެވެ.

ކޯލިޝަނުން ބުނާ ގޮތުގައި މި ހަމަލާތަކަކީ އާންމުންނާއި މަދަނީ އުމްރާނީ ތަރައްގީގެ ތަންތަނަށް އަމާޒުކޮށްގެން ދޭ ޓެރަރިސްޓު ހަމަލާތަކެކެވެ.