ކާރިސާތައް ދިމާވުމުން އެކަމަށް އިޖާބަދިނުމުގެ ބަދަލުގައި، ކުރިއާލާ ރައްކާތެރިވެ ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ގައުމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ގޮތުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން އެންޑީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމަކަށް ވުމުން ރާއްޖޭގެ ބިން ތިރިވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ބޮޑު ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުރާސްތާ ތަސައްވުރާ އެއްގޮތަށް، ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށް އިންވެސްޓްކޮށް، ތަރައްގީގެ ހުރިހާ މަރުހަލާއެއްގައި ވިލުންތެރިކަމަށް އިސްކަންދޭން ފަށާފައިވާ ކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ ރާއްޖޭގައި މިހާތަނަށް ގައުމީ ފެންވަރުގައި ހެދުނު މިފަދަ ފުރަތަމަ ފުރިހަމަ ދިރާސާ ކަމަށްވާ 'ނޭޝަނަލް ރިސްކް ރެޖިސްޓާ އެންޑް އެސެސްމަންޓް 2026' އެކުލަވާލުމެވެ. މި ދިރާސާގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތައް އެއް މިސްރާބަކުން ދެނެގަނެ، ސަރުކާރުގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތަކުގައި އެ ކަންކަމަށް ރިއާޔަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މީގެ އިތުރުން، ބޮޑެތި ކާރިސާތަކުގެ ވަގުތުގައި މަސައްކަތްތައް ވިލަރެސް ކުރުމަށާއި، މައުލޫމާތު ބަދަލުކުރުމަށް ބޭނުންކުރާނެ 'ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ޕްލޭން' (އެންއީއޯޕީ) އެކުލަވާލައި، މުއައްސަސާތަކުގެ ދައުރު ވަނީ ސާފުކޮށް ކަނޑައަޅާފައެވެ. އަދި ގައުމީ ފެންވަރުގައި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ދައުރާއި މިންގަނޑުތައް އެއް ނިޒާމަކުން ގުޅުވާލުމަށްޓަކައި 'ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން' އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް އެމްޑީއެމްއޭ އިން ބުނެއެވެ.
އަވަހަށް ފިޔަވަޅު އެޅުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ބައިނަލްއަގްވާމީ "އާލީ ވޯނިންސް ފޯ އޯލް" މަޝްރޫއުގެ ދަށުން 'ނޭޝަނަލް އާލީ ވޯނިން ރޯޑްމެޕް އެންޑް އެކްޝަން ޕްލޭން' ތަންފީޒު ކުރަމުން އަންނަކަން ވެސް އެންޑީއެމްއޭ އިން ވަނީ ފާހަގަކޮށްފައެވެ.
