މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ބޮޑު ނެޓްވޯކެއް ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓަލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް ވިދާޅުވީ، ރެއިން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި މާލެތެރޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށެވެ.
މިގޮތުން، މި އޮޕަރޭޝަންގެ ތެރެއިން ހ. މާދޫގެ ބަލައި ފާސްކޮށް، އެ ގޭގެ ފުރަތަމަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ ވަނީ އަތުލައިގަނެފައެވެ. މި އޮޕަރޭޝަނާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައި ނުވާއިރު އަދިވެސް މި އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގެ އިތުރުން އިތޮޅުތެރޭގެ ރަށްތަކުގައިވެސް ބަނގުރާ ވިޔަފާރި ހިންގަމުން އަންނައިރު ފުލުހުން އަންނަނީ މިފަދަ ކުށްތައް ހުއްޓުވުމަށް ވަރުގަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
