އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ އިބްރާހިމް ރަޝީދު (އަބުޗާ)، ޕެރޯލްގެ ދަށުން މިނިވަންކުރުމުގައި ޕެރޯލް ބޯޑުން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ބައްލަވައިދެއްވުން އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
މަޖިލީހަށް ހުށަހެޅި ސިޓީގައިވަނީ ޕެރޯލް ބޯޑުން ޕެރޯލްގެ މުއްދަތު ގުނާފައިވާ ގޮތުގެ ތަފްސީލުތަކާ، ބޯޑުގެ ޔައުމިއްޔާތަކާ، މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްސީލުތައް އެއްކޮށް ދިރާސާކުރުމަށް ހުށަހަޅާފައެވެ. އަދި އެ ނިންމުމަށް ވާސީލުވި ގޮތް ސާފުކުރުމަށްޓަކައި، އެ ނިންމުން ނިންމެވި ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށްވެސް ވަނީ އެދިފައެވެ.
މީގެ އިތުރުން އަބުޗާ ދޫކޮށްލަން އުޅޭކަން އަދި ދޫކޮށްލިކަން ހޯމް މިނިސްޓްރީއަށް އެނގުނު ތާރީހާއި ވަގުތު އަދި އެ ނިންމުމުގެ ކުރީގަޔާއި ފަހުން ބޯޑާއި މިނިސްޓްރީއާ ދެމެދު ކުރެވުނު މުއާމަލާތްތައް ސާފުކުރުމަށް އިސްވެރިން ހާޒިރުކޮށް ދިނުމަށްވެސް ވަނީ އެދިފައެވެ. އަދި މި ކަމުގައި ނުފޫޒެއް ނުވަތަ މަގާމުގެ ނާޖާއިޒު މަންފާއެއް ބޭނުންކޮށްފައިވޭތޯ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން މެދުވެރިކޮށް ތަހުގީގެއް ހިންގުމަށް ރަސްމީކޮށް އެދުމަށްވެސް މެންބަރުގެ ސިޓީގައި ހުށަހަޅާފައިވެއެވެ.
އަބުޗާ ދޫކޮށްލަން ނިންމި ނިންމުމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އިއްޔެ އޭނާ އަލުން ހައްޔަރުކޮށްފައިވާއިރު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އުމުރު ދުވަހުގެ ހުކުމެއް ތަންފީޒުކުރާ މީހުންނަށް ޕެރޯލް ލިބޭނީ ހުކުމުގެ މަދުވެގެން ދެބައިކުޅައެކައި ތަންފީޒުކުރުމުންނެވެ.
