ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނީޓާ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން މިފަދަ ހަރަކާތްތަކެއް ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިކަމަށް ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިގޮތަށް ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައެވެ. އަދި ހަމަލާދޭ ފަރާތްތަކުން މި އީމެއިލްތަކުގައި ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ހިމަނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިން ލިންކުތަކެއްގެ ގޮތުގައި މީހުންނަށް އޮޅުވާލުމަށެވެ.

މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، އެ މީހެއްގެ ޔޫޒަނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު ޒާތީ މައުލޫމާތުތައް ހެކަރުންގެ އަތްދަށަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށާއި، އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ މަގު ފަހިވެގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ސީސޮކުން ލަފާކުރާ ގޮތުގައި، މި ހާދިސާތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން، ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެކެވެ. އެހެންކަމުން، ފުލުހުންގެ ސީސޮކުން މި ހަރަކާތްތައް ވަރަށް ގާތުން މޮނީޓާ ކުރަމުންދާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމުގެ މަސައްކަތާއި، މައްސަލައިގެ ތަހުގީގު އަދި ޓެކްނިކަލް އެނަލިސިސް މިހާރުވެސް ދަނީ ކުރިއަށެވެ.

މިފަދަ ސައިބާ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ސަމާލުކަން ދޭންވީ މުހިންމު ކަންތައްތައް:

  • އީމެއިލް އާއެކު އަންނަ ލިންކުތަކާއި އެޓޭޗްމަންޓްތަކަކީ ރައްކާތެރި އެއްޗެއްކަން ޔަގީން ނުވަނީސް ނުހުޅުވުން.
  • ދަންނަ މީހަކު ނުވަތަ އިތުބާރުކުރެވޭ އިދާރާއަކުން ފޮނުވި ނަމަވެސް، އާދަޔާހިލާފު ކަމަކަށް އެދިފައިވާނަމަ ފޯނު ފަދަ އެހެން ވަސީލަތަކުން ގުޅައި އެއީ ސައްހަ އީމެއިލްއެއްތޯ ކަށަވަރުކުރުން.
  • އީމެއިލްގައިވާ ލިންކަކުން ހުޅުވޭ ޕޭޖެއްގައި ޔޫޒަނޭމް އަދި ޕާސްވޯޑް ފަދަ މައުލޫމާތު ނުޖެހުން.
  • އީމެއިލް އަދި ރަސްމީ އެކައުންޓްތަކުގައި މަލްޓި-ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރުން.
  • ކޮމްޕިއުޓަރުގެ އޮޕަރޭޓިން ސިސްޓަމާއި އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުން.
  • ޝައްކުކުރެވޭ އީމެއިލްއެއް ލިބިއްޖެނަމަ، ލަސްނުކޮށް އޮފީހުގެ އައި.ޓީ ނުވަތަ ސެކިއުރިޓީ ޓީމަށް ރިޕޯޓުކުރުން.
  • ޝައްކުކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެނަމަ، ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކޮށް (ޑިސްކަނެކްޓްކޮށް) އައި.ޓީ ޓީމުގެ އެހީތެރިކަން ހޯދުން.

ފުލުހުން ފާހަގަކުރި ގޮތުގައި މިފަދަ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުންގެ ސަމާލުކަމާއި ހޭލުންތެރިކަމެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު ޓެކްނިކަލް ތަފުސީލުތައް ފުލުހުންގެ ސައިބާ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.