މަސްތުވާތަކެތި ހޯދާނެ ފައިސާ ނެތިގެން ރުޅިގަދަވެ، މަންމަ ދިރިއުޅޭ ގޭގެ ބަދިގެއާއި ކޮޓަރިއަށް ގެއްލުންދިން ދިވެއްސެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށް ލުމަށާއި ގެއްލުމުގެ ބަދަލު ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް އައިސްފައިވަނީ ށ. މާއުނގޫދޫ، އަސަރު، އާދަމް ހަންނާދުގެ މައްޗަށެވެ.
މިދިޔަ އޮގަސްޓް 16 ވަނަ ދުވަހުގެ ރޭގަނޑު މ. މާކަރަ ގޭގައި ހިނގި މި ހާދިސާގައި އާދަމް ހަންނާދު ވަނީ އެގޭ ބަދިގޭގައި ހުރި ބޮޑު ބާލިދީއެއްގެ މަތިގަނޑު ފަޅާލައި، ކާން ގެންގުޅޭ ތަށިތަކެއް ތަޅާލައި، އަދި އޭނާގެ މަންމަ ދިރިއުޅޭ ކޮޓަރީގެ ދޮރަށް ކަތުރަކުން ޖަހައި ގެއްލުންދީފައެވެ.
މި މައްސަލައިގ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން އާދަމް ހަންނާދު ބުނެފައިވަނީ، އެ އަމަލު ކުރެވުނީ ބަލިވެގެން މަސްތުވާން ލާރި ނެތިގެން އަދި މަސްތުވާތަކެތި ނުލިބިގެން އައި "ސިނގު ރުޅިއެއްގައި" ކަމަށެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ ދަށުންނެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ މުދަލަށް ގެއްލުންދިނުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައެޅައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު، ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހެނީ 23 ދުވަހުގެ ޖަލު އަދަބެކެވެ. މީގެ އިތުރުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,238.39 ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށްވެސް ވަނީ އެންގިއެވެ.
މީގެ އިތުރުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގައިވެސް އާދަމް ހަންނާދުގެ މައްޗަށް ވަނީ ހުކުމް އިއްވައިފައެވެ. އެއީ، މިއަހަރުގެ ޖުލައި ފަސް ވަނަ ދުވަހުގެ ހެނދުނު، ހަވީރީ ހިނގުމުގައި ހުންނަ ކުރީގެ ކްރިމިނަލް ކޯޓުގެ އިމާރާތުގެ ތެރެއިން އެޗްޕީ ބްރޭންޑުގެ ދެ އޯލް-އިން-ވަން ޑެސްކްޓޮޕް ކޮމްޕިއުޓަރާއި ދެ ވޮއިސް ރިކޯޑަރު ވަގަށް ނަގައިގެން ދަނިކޮށް، މަގުމަތިން ފުލުހުންނަށް ފެނިގެން ހުއްޓުވައި ބަލައިފާސްކުރި މައްސަލައެކެވެ.
ޝަރީއަތުގައި އޭނާ ބުނެފައިވަނީ، ޑެސްކްޓޮޕެއް ހޯދައިދީފިނަމަ ފައިސާ ދޭނެކަމަށް ކޮއްކޮ ބުނެފައިވާތީ، މަސްތުވާން ފައިސާ ހޯދުމުގެ ބޭނުމުގައި ރައްޓެއްސަކާއެކު އެ އިމާރާތަށް ވަދެ ތަކެތި ނެގީ ކަމަށެވެ.
މި މައްސަލައިގައި އިއްވި ހުކުމުގައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައަޅައި ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅުއްވާފައެވެ. އަދި ތަހުގީގު މަރުހަލާގައި ބަންދުގައި ހުރި 16 ދުވަސް އުނިކުރުމަށްފަހު، ތަންފީޒުކުރަންޖެހޭ އަދަބަކީ ނުވަ މަހާއި ދެ ދުވަހުގެ އަދަބެކެވެ.
އާދަމް ހަންނާދު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް، އޭނާގެ ކިބައިގައި ޖޫރިމަނާ ދެއްކުމުގެ މާލީ ގާބިލުކަން ނެތުމާއި، ވައްކަމާއި މިފަދަ ކުށްތަކުގެ ގިނަ ރެކޯޑުތަކެއް އޮތުމުން ކޯޓުން ވަނީ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދެވެން ނެތްކަމަށް ނިންމައިފައެވެ.
