263،000 ބިދޭސީންގެ މައުލޫމާތު ކަށަވަރުކުރެވިފައިވާކަމަށާއި، ބަޔޯމެޓްރިކްސް ނަގަން ބާކީއޮތީ އެންމެ އިންސައްތައެއްކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދައިން ވިދާޅުވެފައިވަނީ މިރޭ ކުރިއަށްދާ އަހާ ފޯރަމް ސިލްސިލާގެ ފޯރަމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އިހުސާން ވަނީ މި މައްސަލަ ހައްލުކުރުމަށް ޓަކައި މި ސަރުކާރުން ފެށި އެންމެ މުހިންމު މަސައްކަތަކީ "އޮޕަރޭޝަން ކުރަނގި" ކަން ފާހަގަކުރައްވާ އޮޕަރޭޝަން ކުރަނގީގަ ފުރަތަމަ ކުރި މަސައްކަތަކީ ދިވެހިރާއްޖޭގައި ތިބީ ކިތައް ބިދޭސީންތޯއާއި، އެ ބިދޭސީން ބަޔޯމެޓްރިކްސް ނެގުން ކަމުގައި ވިދާޅުވެފައެވެ.
މިއަދާ ހަމައަށް ދިވެހިރާއްޖޭގައި އުޅޭ 263,000 ބިދޭސީން ވާނީ 100 އިންސައްތަ ވެރިފައިކުރެވިފައިކަން ފާހަގަކުރައްވާ މިނިސްޓަރު އިހުސާން ވިދާޅުވީ އޭގެތެރެއިން ރާއްޖޭގައި މިވަގުތު ތިބި 95 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ނަގާ ނިމިފައިވާކަމަށެވެ. އަނެއް 4 އިންސައްތަ މީހުން ރާއްޖޭގައި މިވަގުތު ނެތް ކަމަށާއި، ދެން ބަޔޯމެޓްރިކްސް ނަގަން ޖެހިފައި މިވަނީ އެންމެ އިންސައްތައެއްގެ މީހުންނަށް ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ފާއިތުވި 2 އަހަރު ދުވަހު އިމިގްރޭޝަނާ، ފޮރިން ލޭބާ ޑިޕާޓްމެންޓުގެ އިތުރުން ރަށްރަށުގެ ކައުންސިލުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އޮޕަރޭޝަން ކުރަނގީގެ ދެވަނަ ފިޔަވަހީގައި ކުރިއަށް މިހާރު މި ދަނީ ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންނާއި ގަވައިދާ ހިލާފަށް ތިބި ބިދޭސީން ވަކިކުރުންކަން ފާހަގަކޮށް މިނިސްޓަރު އިހުސާން ވިދާޅުވީ ނިމިދިޔަ ހަފްތާގައި އއ. ތޮއްޑޫގައި ޖޮއިންޓް އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. އޭގެތެރެއިން 500 އެއްހާ ބިދޭސީންނާ ސުވާލުކޮށް އޭގެތެރެއިން 107 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.
މީގެތެރެއިން 14 މީހުން ފިޔަވާ ދެން ތިބި އެންމެންގެ ބަޔޯމެޓްރިކްސް ހުރިކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި މި 107 މީހުން ރާއްޖެއިން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާގެ މަތިން މެއި 2، 2024 ގައި ފެށި އޮޕަރޭޝަން ކުރަނގި އަކީ 3 އަހަރުތެރޭ މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ އަމާޒުގައި ފެށި އޮޕަރޭޝަނެއް ކަަމަށް އިހުސާން ވިދާޅުވިއެވެ.
