ހައުސިން މިނިސްޓްރީގައި ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އޮންނަ އުސޫލުން ބޭރުން ހުޅުވާފައި ހުރި މައްސަލައެއް ފުލުހުން ބަލައިފިއެވެ.
ފުލުހުން ބުނީ، އެ މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތައް ހުރި ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައިވާ ކަމަށް ބުނެ އެ ވުޒާރާއިން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ރޭގެ 19:18 ހާއިރު ފުލުހުން އެ މިނިސްޓްރީއަށް ހާޒިރުވެފައިވާ ކަމަށެވެ.
ފުލުހުން އެ ވުޒާރާއަށް ގޮސް، ފުލުހުންގެ ހާޒިރުގައި މިނިސްޓްރީގެ މުވައްޒަފުން ވަނީ އެ ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބަލައި ޗެކްކޮށްފައެވެ. އަދި އެ ބެލުމުގެ ތެރެއިން އެއްވެސް ރަސްމީ ލިޔުމެއް ނުވަތަ އެހެން އެއްޗެއް ވެސް މަދުވެފައި ނުވާކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
