ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މި ތަކެތި އަތުލައިގަނެފައި ވަނީ މިދިޔަ އަންގާރަ ދުވަހު އިންޑިއާ އިން ރާއްޖެއައި އިންޑިއާގެ 2 ފަސިންޖަރުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުންގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ ކެނަބިސް ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 3345 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ކަސްޓަމްސްއިން ހާމަކޮށްފައި ނުވެއެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ފިރިހެނުން ކަމެއް ނުވަތަ އަންހެނުން ކަމެއް ވެސް ސާފެއް ނޫނެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި ވެއެވެ.
އެގޮތުން މިދިޔަ އޮގަސްޓް މަހުވެސް ރާއްޖެއައި އިންޑިއާގެ މީހެއްގެ އަތުން 2 ކިލޯގެ ކެނަބިސް އަތުލައިގެންފައި ވެއެވެ. އަދި ހަމަ އެ މަހުގެ މަހުގެ 5 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އެ ފަހަރުވެސް ފެނިފައި ވަނީ ބައި ކިލޯއެއްހާ ކެނަބިސް އެވެ.
މީގެއިތުރުން މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މި މަހުގެ 15 ވަނަ ދުވަހު ވެސް ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ ކެނަބިސް އަތުލައިގެންފައެވެ.
