މާލޭގައި ހުންނަ 'ޕިންކް ބިލްޑިންގް' އާއި 'ގްރީން ބިލްޑިންގް' ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ސަރުކާރުގެ ތިން މިނިސްޓްރީގެ ތެރެއިން އިންޝުއަރެންސް ކޮށްފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީ ހިންގި އިމާރާތް އެކަނި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، އެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި އިމާރާތް އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީއާއި މާލޭ ސިޓީ ކައުންސިލްގެ އޮފީސް ހިންގި އިމާރާތުން ބައެއް ތަކެތި ސަލާމަތް ކުރެވުނު ނަމަވެސް، މުޅި ހާދިސާގައި އިންޝުއަރެންސްގެ ރައްކާތެރިކަން އޮތީ އެންވަޔަރަމެންޓް މިނިސްޓްރީ ހުރި އިމާރާތުގައި އެކަނި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ލިބުނު މުޅި ގެއްލުމުގެ އަގު އަދިވެސް ސާފުވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާދިސާ ހިނގައިދިޔަ ގޮތުގެ ސީސީޓީވީ ފުޓެޖް ނޫސްވެރިންނަށް ދައްކާލާފައެވެ. އެ ފުޓެޖުން ފެންނަ ގޮތުގައި:

  • 06:13 – ހައުސިން މިނިސްޓްރީގެ ގްރައުންޑް ފްލޯއިން ފުރަތަމަ ދުން އަރަން ފެށުން
  • 06:17 – އެ ސަރަހައްދުން ދިޔަ އޮފް-ޑިއުޓީ އެމްއެންޑީއެފް އޮފީސަރަކު އެމެޖެންސީއަށް ރިޕޯޓްކުރުން
  • 06:35 – ފަޔާފައިޓަރުން ހައުސިން މިނިސްޓްރީގެ ގޯތިތެރެއަށް ވަނުން
  • 07:16 – ސީލިން މަތިން ރޯވެފައި ހުރި ނަރުތަކެއް ފެނި، އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރި ނަމަވެސް ސީލިން ތެރޭގައި އަލިފާން ފެތުރިގެން ދިޔުން
  • 12:45 - 15:30 – އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މެންދުރު 12:45 ގައެވެ. އަދި އެއްކޮށް ނިއްވާލެވުނީ މެންދުރުފަސް 15:30 ގައެވެ.

އެ ހާދިސާއަކީ ގަސްދުގައި އިމާރާތުގައި ރޯކޮށްލައިގެން ހިންގި ކަމެއް ކަމަށް ބުނެ ސިޔާސީ ގޮތުންނާ އާންމުންގެ ތެރޭގައި އެކި ތުހުމަތުތައް ކުރެވުނު ނަމަވެސް، ފުލުހުން ހާމަކުރި ގޮތުގައި އިމާރާތް ހުންނަ ބްލޮކް ވަށައިގެންވާ ސީސީޓީވީ ކެމެރާތަކުގެ ފުޓެޖްތައް ދިރާސާކުރުމުން، ނުދަންނަ ނުވަތަ ތުހުމަތު ކުރެވޭ ފަދަ އެއްވެސް މީހަކު އެ ސަރަހައްދަށް ވަދެފައި ނުވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

އަލިފާން ރޯވި ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އޮފީސް ތަޅުލި 00:40 އާއި ހަމައަށް އިމާރާތަށް ވަދެފައިވަނީ މުވައްޒަފުން އެކަނި ކަމަށާއި، އޭގެ ފަހުން ތަނުގައި ތިބީ ދެ ސެކިއުރިޓީ ގާޑުން ކަމަށް ސުޕްރިންޓެންޑެންޓް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މި މައްސަލަ އަދިވެސް އެއްކޮށް ތަހުގީގުކޮށް ނުނިމޭކަން ހާމަކޮށް ފުލުހުން ބުނީ އަދިވެސް އާންމުންގެ ވާހަކަތަކާއި، އަދިވެސް އެހެނިހެން ކަންކަން ބަލަމުން އަންނަ ކަމަށެވެ.