ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް ޑރ. މުހައްމަދު އަލީ މިއަދު އަވަހާރަވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 67 އަހަރެވެ.

ތިމާވެށީގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލުކުރައްވާފައިވާ ޑރ. މުހައްމަދު އަލީއަކީ ތިމާވެށީގެ ދާއިރާއިން ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ތިމާވެށްޓާ ބެހޭ ބައި ހޯމް މިނިސްޓްރީއާއި ކުރީގެ ޕްލޭނިން މިނިސްޓްރީގެ ދަށުގައި އޮތް ދުވަސްވަރު، އެ ދެ މިނިސްޓްރީގައި ވެސް އެމަނިކުފާނު ވަނީ ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމު ފުރުއްވި ޑރ. މުހައްމަދު އަލީ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ރާއްޖޭގައި ތައުލީމީ ދާއިރާއިން ހިދުމަތް ކުރައްވަން ފައްޓަވާ ޑރ. މުހައްމަދު އަލީ ވަނީ 1985 އިން ފެށިގެން މަޖީދިއްޔާ ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

މީގެއިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދެއްވި ޑރ. މުހައްމަދު އަލީ ފާހަގަކުރެވިފައިވަނީ އާންމު ދިރިއުޅުއްވުމުގައި ވެސް ތިމާވެއްޓާ ރައްޓެހި އާދަކާދަތަކަށް އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައެވެ.