ފުރަން ގޮސް އުޅުނު އާއިލާގެ މީހެއްގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަމާސާކުރި މިސްރުގެ ފަތުރުވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މިސްރަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ޕީޓާ ސަމާން މަރުޒޫކް ސަމާން ނަމަކަށް ކިޔާ މީހެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެއާޕޯޓުގެ ޑިޕާޗާ ސްކްރީނިން އޭރިއާއިން އޭނާގެ ދައްތަގެ ދަބަސް ސެކިއުރިޓީން ބަލައި ފާސްކުރަމުން ދިޔަ ވަގުތުގައެވެ. އެ ވަގުތު، އެ ދަބަހުގެ ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ އޭނާ ވާހަކަދެއްކުމާ ގުޅިގެން، ސަލާމަތީ ބާރުތަކުން ވަގުތުން އެ ސަރަހައްދަށް އެލާޓްވެ ދަބަސް ވަރަށް ރަނގަޅަށް ޗެކްކުރިކަމަށްވެއެވެ. ނަމަވެސް، އެއްވެސް ނުރައްކާތެރި މާއްދާއެއް ނުވަތަ ގޮވާތަކެއްޗެއް އެ ދަބަހުން ފެނިފައެއް ނުވެއެވެ.
އޭވިއޭޝަން ސެކިއުރިޓީގެ މިންގަނޑުތަކާ ހިލާފަށް، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދެއްކި އެ ވާހަކައާ ގުޅިގެން އޭނާ ހައްޔަރުކުރަން އުޅުމުން، އެއީ މަޖަލަކަށް ބުނި އެއްޗެއް ކަމަށް ބުނެ ފުލުހުންގެ ކިބައިން މާފަށް އެދުނު ކަމަށްވެއެވެ.
މީހުން ބިރުގަންނަވާލުމާއި ދޮގު މައުލޫމާތު ފެތުރުމުގެ ތުހުމަތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގައި ވެސް އޭނާ ވަނީ ކުށަށް އިއުތިރާފުވެ މާފަށް އެދިފައެވެ. އެހެން ނަމަވެސް، މައްސަލައިގެ ސީރިއަސްކަމަށް ބަލައި ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
