ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަމާޒުވެފައިވާ އއ. ތޮއްޑޫގައި މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މިއަދު ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ތޮއްޑޫގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމްލަ 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ފާސްކުރުންތަކުގެ ތެރެއިން، އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް އުޅެމުންދިޔަ 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ މާލެއާއި އަތޮޅުތެރޭގައި ފުޅާ ދާއިރާއެއްގައި ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގާފައެވެ.
އެގޮތުން، މި މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 55 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފުވި އެކަކު ވަނީ ހިފަހައްޓާފައެވެ. އަދި ސެޕްޓެމްބަރު 8 ވަނަ ދުވަހު މާލޭގެ އާންމު ސަރަހައްދުތަކަށް އަމާޒުކޮށްގެން ހިންގި "މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" ގެ ދަށުން 75 މީހަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅުނު އެކަކު ވަނީ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއީ އިމިގްރޭޝަންގެ ގާނޫނުތައް ނަގަހައްޓައި، އާންމު ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގި ހަރަކާތެކެވެ.
މީގެއިތުރުން، ސެޕްޓެމްބަރު 7 ވަނަ ދުވަހު ހުޅުމާލޭގެ ސެލޫންތަކާއި ސްޕާތަކަށް އަމާޒުކޮށް 8 ތަނެއް ބަލައި ފާސްކޮށް، 26 ބިދޭސީން ޗެކްކުރުމަށްފަހު ގަވާއިދާ ހިލާފަށް އުޅުނު 7 މީހަކު ވަނީ އަތުލައިގެންފައެވެ. އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ކެފޭތައް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނުގައި 5 ތަނަކުން 14 ބިދޭސީއަކު ޗެކްކޮށް، 2 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ވަޒީފާ އަދާކުރަމުންދާ ބިދޭސީން ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އިމިގްރޭޝަނުން ފަށާފައިވާ މި ހާއްސަ ހަރަކާތްތައް، އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެ މުއައްސަސާއިން ވަނީ ދެއްވާފައެވެ.
