ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރ. ފުއްގިރީގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީއަކު އުސް ޓަވަރަކުން ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ އިންޑިއާ ފިރިހެނަކަށް ކަމަށެވެ.

އެ މީހާ ވެއްޓިފައިވަނީ ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ގާތްގަނޑަކަށް 25 ފޫޓު މަތިންކަމަށާއި، މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 15:58 އެހައިކަންހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަނިޔާވި މީހާއަށް މިހާރު ދަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިތުރަށް ބުނީ އިތުރު މެޑިކަލް ޓެސްޓްތަކުން އެމީހާގެ އުނަގަނޑަށް އަނިޔާވެފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށާއި، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާ ތަހުގީގުކުރަމުންދާކަމަށެވެ.