ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތްތަކާއި ބައްދަލުވުންތަކުގައި ގާނޫނާ ހިލާފަށް ސާބިތު ނުހިފޭ ވާހަކަ ދައްކަމުންދާކަމަށް އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއްކަމަށާއި، ނަމަވެސް މި ހައްގު ބޭނުންކުރަން ވާނީ ޒިންމާދާރުކަމާއެކު ކަމަށެވެ.

އެގޮތުން ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކެއްގެ މައްޗަށް އެއްވެސް ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ މެމްބަރަކާ ބެހޭ ގޮތުން ފާޑުކިޔުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފުކަމެއްކަމަށް އީސީން ވަނީ ބުނެފައެވެ.

އެއާއެކު އީސީން ވަނީ ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ނުކުރުމަށާ ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

އީސީން މިފަދައިން ބުނެފައިވާއިރު، ސެޕްޓެންބަރު 5، 2026 ގައި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ގްރީން ބިލްޑިންގްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ހިނގި ހާދިސާއެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

ޔާމީން ވިދާޅުވި ގޮތުގައި، އެ އިމާރާތުގައި އަލިފާން ރޯކޮށްލީ ކާކުކަން ފުލުހުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަދި އެކަން ކުރި މީހާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ވެސް ޔާމީނު ވަނީ ތުހުމަތުކުރައްވާފައެވެ.

ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި، އެ ހާދިސާގެ މައުލޫމާތާއި ހެކި ފުލުހުންގެ އަތުގައި ހުރި ނަމަވެސް، އެ ފަރާތަށް ފިޔަވަޅު އަޅަން ފުލުހުން ބޭނުންނުވަނީއެވެ. އަދި އެއީ މުހިންމު ލިޔެކިޔުންތަކަކާއި ހެކިތަކެއް ނައްތާލުމުގެ މަގުސަދުގައި ގަސްތުގައި ދިން ހަމަލާއެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ. މި މައްސަލައިގައި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ތުހުމަތުތައް ތަހުގީގުކުރަން އެދިވަޑައިގެން، ފުލުހުންގެ މައްޗަށް ކުރެއްވި ތުހުމަތު ތަހުގީގުކޮށް ދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި އެދިވަޑައިގަތްފައިވާކަމަށް ވިދާޅުވެފައެވެ.

ޔާމީން ދެއްކެވި ވާހަކަތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށްވާތީ، އެ މައުލޫމާތު ސާފުކުރުމަށް ޓަކައި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވާ ޗިޓު ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.

ނަމަވެސް ޗިޓާ ހަވާލުވެވަޑައިގަތުމުގެ ބަދަލުގައި، ޔާމީން ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި ފުލުހުންނަށް ލިޔުމުން ޖަވާބެއް ދެއްވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ލިޔުމުގައި މި މައްސަލައާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ރައީސް ޔާމީން ބަޔާންކުރައްވާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.